ޚަބަރު

ބޮއިކަޓް ކުރަން ގޮވާލާއިރު ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމުލަ 10 އިންސައްތައިގެ ކުރިއެރުމަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކައަކާ ގާތްކޮށްފިއެވެ.

Ads by MWSC

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ޢާންމުކޮށްފައިވާ "ޑެއިލީ އަޕްޑޭޓްސް ރިޕޯޓު"ގައިވާގޮތުން އަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށްވަނީ 96،077 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 87،178 ފަތުރުވެރިންނާ އަޅާ ބަލާއިރު 10.2 އިންސައްތަ އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،005 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ބަލާލާއިރު، ޖުމްލަ މާކެޓު ޝެއަރގެ 12.3 އިންސައްތަ ޙިއްސާއާއެކު، ލިސްޓުގެ އެއްވަނައިގައި މިހާރު އުޅެނީ ރަޝިއާއެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

  • ރަޝިއާ – 11،778 ފަތުރުވެރިން
  • އިޓަލީ – 11،094 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 7،672 ފަތުރުވެރިން
  • އިންޑިއާ – 7،633 ފަތުރުވެރިން
  • ޖަރުމަންވިލާތް – 6،011 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު ރާއްޖެއަށް ވަނީ 7،703 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!