ޚަބަރު

ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނަން: ދާޚިލީ ވަޒީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެކަމަށް ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މިހާތަނަށް އައިއިރު ބިދޭސީންގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް މަސައްކަތްކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ، ބިދޭސީންގެ ކަންކަމާއި ގުޅުންހުރި އިދާރާތައް އެކި ވުޒާރާތަކުގެ ބެލުމުގެ ދަށުން ހިންގަމުން އައުންކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުގައި، ބިދޭސީންނާއި ގުޅޭ މަސައްކަތްތައް ކުރާ ހުރިހާ އިދާރާތަކުގެ މަސައްކަތް މިހާރު ބަލަހައްޓަމުންވދަނީ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިންކަމަށާއި އެހެންކަމުން މި މައްސަލަ ޙައްލުނުވުމަށް ދެއްކޭނެ އުޒުރެއް މިހާރު ނެތްކަމަށް އިޙުސާން ވިދާޅުވިއެވެ.

"ކުރިން ވޯކްޕަރމިޓްގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ ދަށުން. އިމިގްރޭޝަން ހިންގީ ޑިފެންސް މިނިސްޓްރީގެ ދަށުން. އަދި ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގައި. ނަމަވެސް މިހާރު މިއޮތީ ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް އެއް ވުޒާރާއެއްގައި." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްތައް މިހާރުވެސް އިސްކަމެއް ދީގެން ފައްޓަވާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކީ އިދާރާތައް ޖަވާބުދާރީ ކުރެވޭނެ މިންވަރަށް ޚިދުމަތްތައް ރަނގަޅުކުރުންކަމަށާއި މިފަދަ ނިޒާމެއް ފަރުމާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނިޒާމުގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއިން އުޅޭކަން ކަށަވަރުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި އަވަސް ފިޔަވަޅުތައް އެޅޭނެ ގޮތް ހަމަޖައްސަމުންދާކަމަށްވެސް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

"ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން، ޚާއްސަކޮށް ކުށަކަށް އަރައިގެންފިނަމަ ވަގުތުން ޑީޕޯޓްކުރާނަން. މިހާރުވެސް މިފަދަ އެކި ކަންކަމުގައި 60 ބިދޭސީއަކު ބޭރުކޮށްފިން. މި މީހުންގެ ތެރޭގައި ކުށްކުށަށް އަރައިގެންފައިވާ މީހުން ހިމެނޭ." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތާނގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށެވެ. އަދި ޤައުމަށް އަނބުރާ ދާން ބޭނުންވާ ބިދޭސީންނަށް ލުއިގޮތްތަކެއް ހަދައިދީ، ސަރުކާރުގެ ފެސިލިޓީއެއްގައި ބޭތިއްބުމަށްފަހު އެމީހުންގެ ޑިޕޮސިޓް ފައިސާއިން އަމިއްލަ ގައުމަށް އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވަރަށް ގިނަ ބިދޭސީން ތިބީ އަނބުރާ ޤައުމަށް ދެވޭނެ ގޮތެއް ނެތިފައިކަމަށެވެ.

"ޤަވައިދާ ޚިލާފަށް އުޅޭ މީހުން ހިފާ ހައްޔަރުކޮށް އެކައުންޓަބަލްވެސް ކުރާނަން. 3ވަނަ ކަމަކީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ކަށަވަރުކުރުން. ފިންގަރޕްރިންޓް ލެވަލްއަށް އައިޑެންޓިފައި ކުރާނަން. ކައުންސިލްތަކާއި ފުލުހުންނާ ގުޅިގެން މި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. މިހާރު ދަނިީ މިކަމަށް ސޮފްޓްވެއަރއެއް ތައްޔާރުކުރަމުން." ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގުޅޭ ރަނގަޅު ޑޭޓާ ބޭސްއެއް، ކުރިއަށް އޮތް 1 އަހަރުތެރޭގައި އެކުލަވާލާނެކަމަށެވެ.

ދާޚިލީ ވުޒާރާއިން މިދިޔަމަހު ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ވޯކް ޕާމިޓް ދޫކޮށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދުކަމަށް ނިޒާމުގެ ތެރެއިން ފެންނަންހުރީ 139000 އެއްހާ މީހުންނެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ޢަދަދަކީ 90634 އެވެ. ރާއްޖޭގެ ޤާނޫނުތަކުގައިވާ ގޮތުން، އެއް ޤައުމަކުން މަސައްކަތް ކުރުމަށް ރާއްޖެއަށް އެންމެ ގިނައިން އެތެރެވެވޭނީ 1 ލައްކަ މީހުންނަށެވެ.

Ads by Ooredoo
  1. ދިސްވޭ

    ރާއްޖެ އަށް މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަކީ އެއީ ވަރަށް ނާދިރުކަމެކޭ އެއީ ވަރަށް ބޮޑު އިންފްރާސްޓްރަކްޗަރ އެއް ގާއިމް ކޮށް ހަދާ އަދި ދުނިޔޭގައި އޮތް މެޑިކަލް އަށް އޮތް އެންމެ މޮޅު ގައުމު އިންޑިއާ އާއި ރާއްޖެ އަގުގެ ގޮތުން ވާދަކުރަން ޖެހޭނެ ކަމެކޭ ލަންކާގެ މެޑިކަލް ޓޫރިޒަމް ކުރިނާރަނީ ވެސް ލަންކާ އަގުބޮޑުވެފައި ޚިދްމަތް ކައްޕަޅި ވުމުންނޭ އެކަން ނުވާނެކަން އެއީ ޔަގީން ކަމެކޭ ފުރަތަމަ ސުޕަރސްޕެޝަލިސްޓުން ފީންނެއް ބޭނުންވާނެއޭ މުސާރަ ކަވަރު ނުކުރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ

  2. ގޮދާ ހަސަނު

    އަންނަ ކޮންމެ ސަރުކާރަކުން މިކަހަލަ މޮޅުވާހަކަ ދައްކައިގެން ރައްޔިތުމީހާ އޮޅުވާލާ. މަނިކުފާނު މިކަމަށް އަމަލީސިފައެއް ގެނެސްދެއްވާ ، ރައްޔިތުންނަށް އިތުރުފުޅެއް ނުހައްދަވާނެ ކަމަށް ހީކުރަން.

  3. ހާނިމް

    ގަވާދާހިލާފަށް އުޅޭ އެއްވެސް އަންހެނަކު ހައްޔަރު ނުކުރޭ. އަދި އަންހެނުން ބައިތިއްބާނެ ތަނެއްވެސް ނުހުރޭ. މިކަން ބައްލަވާ