މާލެއާއި ރަސްމާލެ ގުޅުވާލާނީ ކަނޑުއަޑީގެ ރީތި މަންޒަރު ފެންނަ އަންޑަވޯޓާ ޓަނަލަކުން: ރައީސް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެއާއި މާލެ ގުޅުވާލާނީ ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ އާ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މިދިޔަ ސަރުކާރުން ފަށާފައިވާ ގުޅިފަޅު, ގިރާވަޅު ފަޅު އަދި ހުޅުމާލޭ ފޭސް ތިނެއް އެކުގައި އާބާދުކޮށްގެން ވެސް މި ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ނާންނާނެ ކަމަށެވެ.
އެހެންވެ މި ސަރުކާރުން ރަސްމާލެ މަޝްރޫއު ހިންގަނީ މާލެ ސަރަހައްދަށް "ފޭރާން ހެޔޮ" އެ މައްސަލަ ހައްލުވެގެން ދާނެ މަޝްރޫއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭ ރައްޔިތުން ބޭނުންވަނީ ބްރިޖުތަކުން ގުޅިފައިވާ ތަންތަނުގައި އާބާދުވާން ކަމަށް އާދަމް އާޒިމް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ, ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ އަންޑަވޯޓާ ޓަނަލުން ކަމަށެވެ.
އެކަމާ ގުޅޭ މަޝްވަރާތައް ގާބިލް ކުންފުންޏަކާއެކު ކޮށްފައިވާ ކަމަށާއި މިހާރު ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މި ޓަނަލުން ރޭލުގައި ސްމާލެ ދަތުރުކުރާއިރު ކަނޑުއަޑީގެ ހިތްގައިމު ރީތި މަންޒަރުތައް ވެސް ފެންނާނެ ކަމަށާއި މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.
""ލިންކު އެޅިފައި އޮންނަ ގުޅިފައިވާ ތަންތަނުގައި މާލޭގެ މީހުން ދިރިއުޅޭނީ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މި ނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން ނިންމާފައިވާ ބްރިޖުތަކާއި ކޯޒްވޭތައް ހުންނާނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭންތައް ފާސްވެގެން ދާއިރު ފެންނާނެ ކަމަށާއި މިހާރު އެ ކަންކަމުގެ ފަންނީ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އައްޑޫ ހުޅުމީދޫ ބްރިޖު ފާހަގަކުރައްވައި ރައީސް ވަނީ މި ދައުރުގައި އެ ބްރިޖުގައި މަސައްކަތް ނިންމާލާނެ ކަމަށް ވިދާޅުވެފަ އެވެ.