ޚަބަރު

ވިލާތުގެ ޤައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިލާތުގެ ޤައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.

Ads by Sosun Fihaara

މި މަޝްވަރާތައް ބާއްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަރިހަނަށް ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖިއަން ފްރާންސޮއިސް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅުންތައް ވަރުގަދަކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން އިޤްތިޞާދީ ތަރައްޤީ، މޫސުމަށް އަންނަ ބަދަލުތައް އަދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަަން ކަށަވަރުކުރުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ދިވެހިންނަށް ފަސޭހައިން ޔޫރަަޕަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ފްރާންސްގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ހާރިޖީ ވަޒީރު މަޝްވަރާކުރެއްވިއެވެ.

ވިޔަފާރީގެ ދާއިރާގެ ތެރެއިން ގުޅުންތައް ބަދަހިކުރުމަށް ކުރެއްވި މަޝްވަރާގައި ވަނީ ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ފްރާންސާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން މަޝްވަރާތަކެއް ކޮށްފައިވާއިރު، އެ ޤައުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ވިލާތުގެ ޤައުމުތަކުގެ ތެރެއިންވެސް އެންމެ ކުރިއަރާފައިވާ އެއް ޤައުމުގެ ގޮތުގައި ފާހަގަކުރެވޭ ފްރާންސަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ އިތުރުން، އީޔޫއާއި، ޖީ ސެވަން އަދި ޖީ ޓުވެންޓީގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ޖަމުއިއްޔާތަކުގައިވެސް ނުފޫޒުފަދަ ޤައުމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!