ޚަބަރު

ކަނޑުގެ މައްސަލައިގައި ސަރުކާރުން ޑރ. މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ޚަބީރެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދަވަން ސަރުކާރުން ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާފައިވަނީ މި މައްސަލައިިގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަން މިއަދު އޭޖީ އޮފީހުން އާއްމު ކުރެއްވި ބަޔާނެއްގައެވެ. ޤާނޫނީ ލަފާދޭން ޑރ. މުނައްވަރު އެއްބަސްވެވަޑައިގެން މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑރ. މުނައްވަރަކީ ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާއެކު ވަރަށް އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އޭނާއަކީ ބައިނަލް އަޤްވާމީ ކަނޑުތަކާ ބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލް ކުރައްވަފައިވާ ބޭފުޅެކެވެ.

ޑރ. މުނައްވަރުގެ އިތުރުން މި މައްސަލައިގައި އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލްއަކާއި ލޯ އޮފް ދަ ސީ މަލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއްގެ ޤާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

"މި ދެ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުން" އޭގެ އިތުރުން މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފައެއް މި ބޭފުޅުން ދެއްވާނެ ކަމަށް އެ ބަޔާނުގައިވެއވެެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!