ޚަބަރު

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން މާލެ ސިޓީ ކައުންސިލަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވައިފިއެވެ.

Ads by Hajj Corporation

ކެޓް ޝެލްޓަރ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލާ ދެމެދުވަނީ ސޮއިކުރައްވާފައެވެ. މިއީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓަރ އަޅަން ސިޓީ ކައުންސިލާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އާދަމް އާޒިމެވެ.

ކެޓް ޝެލްޓަރ ޤާއިމްވެގެން ދިއުމާއެކު މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ހަފްތާ-14 ނިމުމުގެ ކުރިން ފެސިލިޓީ އަޅާ، ޢާންމުންނަށް ހުޅުވާލުން ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ފެސިލިޓީތައް ޤާއިމްކުރުން ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ "ޕެޓް ކެއަރ ފެސިލިޓީ"އެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައިވަނީ ހިމަނާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!