ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަވާ ގޮތަށް ސަރުކާރުގެ އިމާރާތްތައް ބަދަލުކުރަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުން ސަރުކާރުގެ ހިދުމަތް ލިބޭ ތަންތަނަށް ފަސޭހައިން ވަދެވޭ ގޮތަށް އެ އިމާރާތްތައް ބަދަލު ކުރަން ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ "އަހާ" ގެ ނަމުގައި ވަޒީރުންނާ ސުވާލު ކުރުމަށް ސަލްޓަން ޕާކްގައި ބޭއްވި ފުރަތަމަ ޕަބްލިކް ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އައިޝަތު ޝިހާމް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަކީ ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ. ސްކޫލް ނިންމުމަށް ފަހު ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ކުދިންނަށް ވަޒީފާގެ ފުރުސަތެއް ނުލިބި ހުސްކަމެއް އަންނަ ކަމަށް ވިދާޅުވިއެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެހެންވެ އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތްތައްކެއް ކުރައްވަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
''މަސައްކަތްކުރާތަނަކީ އެ ކުއްޖަކަށް އެކަށީގެންވާ ތަނެއްގެ ގޮތަށް ތައްޔާރުކޮށްފައި އަދި އެ ޕްރޮސެސް ތެރޭގައި އަޅުގަނޑުމެންގެ އެންމެ ގުޅިގެން އެހީތެރިކަމާއި އެކު އެކަންތައް ކުރިއަށް ގެންދިޔުން'' މިނިސްޓަރު ވިދާޅުވިއެވެ.
އައިޝަތު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކށް 'އެކްސެސިބިލިޓީ' އާއި 'އިންކްލޫސިބިލިޓީ' އަކީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ކަމެއް ކަމަށެވެ. އެހެންވެ އެކަމަކށް އެކަންތަކަށް އިސްކަންދީ އަލަށް ހަދާ ހުރިހާ ތަންތަނާއި މިހާރު ހެދިފައި ހުރި ތަންތަނުގައި އެ އެކްސެސިބިލިޓީ ޔަގީން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކެބިނެޓް މަޝްވަރާއެއްގެ ތެރޭގައި ރައީސް އަޅުގަނޑުމެންނަށް ވިދާޅުވެފައި ގައިޑެންސެއް ދެއްވާފައި އޮތީ، އަލަށް ހަދާ ހުރިހާ ތަނެއްގައިވެސް ހަމަ އެ އެކްސެސިބިލިޓީ ޔަގީންކުރުމަށާއި އަދި ހަމައެއާއެކީގައި މިހާރު ހެދިފައި ހުރި ތަންތަނުގަވެސް އެކްސެސިބިލިޓީ ޔަގީންކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
އެ ފޯރަމްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކާއި ގުޅޭ ގޮތުންވެސް މިނިސްޓަރާ ވަނީ ސުވާލުކޮށްފައެވެ. އެއިން އެއް ސުވާލަކަށް ޖަވާބު ދެއްވަމުން އައިޝަތު ވިދާޅުވީ އުމުރުން ދުވަސްވީ މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ދޭންވާ ފުރިހަމަ އެހީތެރިކަން އާއިލާތަކަށް ދޭނެ ޢާކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަނީ އަބުރުވެރި އުފާވެރި ދިރިއުޅުމެއް ހޯދާދިނުމަށް ކަމަށާއި އޭގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ ބެލުމުގެދަށުގައި ތިބި މީހުން އާއިލާތަކާއި ގުޅުވައިދިނުންކަމަށް ވިދާޅުވިއެވެ.
ތަފާތު ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ މީހުން އެބަތިބިކަމަށާއި އޭގެތެރެއިން ގިނަ މީހުންނަކީ، އާއިލާގެ ތެރޭގައި ބެލޭނެ ފުދުންތެރިކަން ނުވަތަ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިގޮތުން ދައުލަތުން ބަލަހައްޓަމުންދާ މީހުންކަމަށް ވިދާޅުވިއެވެ.