ޚަބަރު

ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް މާލެ ސިޓީ ކައުންސިލް ހަދާނަން: އާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: ސިޓީ ކައުންސިލް

ލަސްތަކެއް ނުވެ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް މާލެ ސިޓީ ކައުންސިލްވެގެންދާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ދާދި ފަހުން ކައުންސިލްގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އާޒިމް ވިދާޅުވީ، މޭޔަރުކަމާއި ހަވާލުވެވަޑައިގަތް ފަހުން ބެލި ބެލުމުގައި އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަވެފައިވާ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ސިޓީ ކައުންސިލުގެ ކޮންޓްރެކްޓްތައް އެކި ޑިޕާޓްމެންޓުތަކުން ހަދަމުންދާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެކަންކުރަންވާނީ އެއްް ޑީޕާޓްމެންޓުން ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ޑިޕާޓްމެންޓަކީ ލީގަލް ޑީޕާޓްމެންޓުކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ބައެއް ކޮންޓްރެެކްޓްތައް ފެންނަންނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

''..ބައެއް ވެރިން އެބަ ބުނޭ އުދަނގޫވެޔޭ އެކި ދިމަދިމާލަށް ކޮންޓްރެކްޓްތައް ހަދާތީވެ. ބައެއް ސީއެސްސީ މުވައްޒަފުން އެބަބުނޭ ކަންކަން ހިނގައި ދިޔަގޮތް'' ފުރަތަމަ ތިން ދުވަހުގެ ތަޖުރިބާ ހިިއްސާކުރައްވަމުން އާޒިމް ވިދާޅުވީ އަދި 'ދަސްކުރަނީ' ކަމަށެވެ.

ދެެއްވި ޔަގީންކަމަކީ ކައުންސިލުގައި ރަަނގަޅަށް ހިނގާ ކަމަކާއި ނުބެހޭނެކަމެވެ. ނަމަވެސް ގަވަނަންސް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސިޓީ ކައުންސިލުން ފައިސާ ބަލައިގަތުމުގައި ފައިސާ ބަލައިގަންނަމުންދާ އުސޫލަށް ބަދަލުގެނައުމެވެ. އެއަށް ފަހު ވިދާޅުވީ ކައުންސިލުގެ އެތެރޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

އެތެރޭގެ ހިންގުން ވަރުގަދަކުރަން ޖެހޭ މި ކަންކަމުގައި ސީއެސްސީގެ މުވައްޒަފުންނާ އެކު މަސައްކަތްކޮށް އެކަންތައްތައް ހަރުދަނާކުރަން މަސައްކަތްތަކެއް އެބަ ކުރަން. ދެން ކައުންސިލަށް ބްރީފްކޮށް ދޭނަން. ކުރާ ކޮންމެ ކަމެއް ކުރަނީ ހިންގުން ހަރުދަނާކުރަން

 

އާޒިމް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލާ މެދު އާއްމުން ދެކެނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ސިޓީ ކައުންސިލަކީ ރައްޔިތުން އާދޭސްނުކޮށް، ފަސޭހައި ހިދުމަތް ލިބޭނެ ތަނަކަށްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

 ''އެ ބަދަލުތައް ފެންނާނެ މާ ލަސްތަކެއް ނުވެ. ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ސިޓީ ކައުންސިލް ބަދަލުވަމުންދާ މަންޒަރު ފެންނާނެ'' އާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!