ޚަބަރު

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް ހުރަސް އެޅުން: ކޮންގްރެސް ޕާޓީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

Ads by Hajj Corporation

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު މަޖިލީހުގައި ތާވަލުކޮށް އެ މަސައްކަތް ކުރިއަށެ ގެންދާއިރު ބައެއް ވަޒީރުންނަށް ރުހުން ދިނުމާއި ދެކޮޅަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވާހަކަ ދައްކާފައިވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.

"އެގޮތުން ދައުލަތުގެ ވުޒާރަތައް ހުންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރަމެވެ." ޕީޕީއެމް ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް ވަޒީރުން ކުރައްވާނެ ކަމާމެދުވެސް އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

"އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް މިކޯލިޝަނަށް ޤަބޫލު ކުރެވޭތީ، އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ޤަބޫލު ކުރަމެވެ. އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ" ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ވޯޓަށް އެހުން މިއަދު 1:30 ގައި ކުރިއަށްދާނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ލަފާ ދީފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް އެއްފަހަރާ ވޯޓަށް އެހުމުގެ ބަދަލުގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

Ads by Ooredoo
  1. ވޯޓް ވިއްކި ގަމާރު

    ކޮންމެހެން ރުހުން ދޭންޖެހޭބާ… ކީއްކުރަންބާ މަޖިލީހައް ފޮނުވަނީ…