އިސްރާއީލްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ބައިވެރިވަނީ
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ގަތުލު އާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ބައިވެރިވާން ރާއްޖޭން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ދެކުނު އެފްރިކާ އިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާ ކަމަށާއި އެ މައްސަލައިގައި ދިވެހި ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި އައިސީޖޭ އިން މިދިޔަ ހުކުރު ދުވަހު ވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގަތުލްއާންމުގެ އަމަލުތަކަށް މަގުފަހިވާނެ ފަދަ ކަންކަން ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމަށް އަމުރުކޮށްފަ އެވެ. އެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރި ގޮތުގެ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް އިޒްރޭލަށް އަންގާފައިވީ ނަމަވެސް ހަމަލާތައް ހުއްޓާލަން އައިސީޖޭ އިން އަމުރުކޮށްފައެއް ނުވެ އެވެ.
އިޒްރޭލަކީ އައިސީޖޭގެ މެމްބަރު ގައުމެއް ކަމުން އެ ކޯޓުގެ ނިންމުންތަކަށް އެ ގައުމުން އިހްތިރާމް ކުރަން ޖެހެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.