ޚަބަރު

ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ޒާތީވެގެން: ނާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ޒާތީވެގެން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކްސްގައި ނާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އަމިއްލައަށް ގޮތް ނިންމާ ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލް މިނިސްޓަރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ޝަރުތު ހަމަވެ ގާބިލު ބޭފުޅުންކަމުގައި ނިންމާފައިވަނިކޮށް، މަޖިލިސް ތަޅުމުން ވޯޓް ނުދީ އެބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާކަމެއްކަން ޔަގީން ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އެހެނަސް މަޖިލީހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް ޑރ މުއިއްޒުގެ ސަރުކާރު ބަލިކަށި ކޮށްލެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ޖަލްސާ މިއަދު މެންދުރުފަހު 1:00 ވަނީ ތާވަލުކޮށްފައެވެ.

ދައުރުން ބޭރުގެ ޖަލްސާއެއް ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މަޖިލިސް ތެރެ ހަލަބޮލިވެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ޖަލްސާ ފެށިޔަ ނުދީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ. މިއާއެކު މަޖިލިސް ވަނީ ނިންމާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!