ބައްސާމަށް މަނީ ލޯންޑްރިންއާއި ހިޔާނާތުގެ ދައުވާ އުފުލައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފިއެވެ.
މި ދައުވާ ކޮށްފައިވަނީ އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްގެ ކަމަށް ބުނެ އެފްއޭއެމްގެ އެކައުންޓުން 10،004 ޑޮލަރު ބައްސާމްގެ އަމިއްލަ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކުރަން ހުށަހަޅައި، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މީގެ އިތުރުން ބައްސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދަޢުވާ އަކޯ ފީފާއިން ދިން ފައިސާ ލޯންޑަރކުރިކަމުގެ ދައުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.