މައްސަލަ ޖެހުނީ ގޯއްޗާއި ފްލެޓްތައް ވޯޓަށް އުކާލި އެންގަނޑަކަށް ހެދުމުން: އީވާ
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންގެ ފަހު އަހަރު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކެއް ވަނީ ދޫކޮށްފައެވެ. ނަމަވެސް ފްލެޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެންޓި ކޮރަޕްޝަނުން ނިންމާ, ފްލެޓް ހަވާލު ކުރުން އޮތީ މަޑުޖަައްސާލާފައެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަމަށް އޭސީސީން ކުރި ތަޙްޤީޤުން ވަނީ ހާމަވެފައެވެ.
ފްލެޓް ދިނުން ލަސްވާ މައްސަލައިގައި އީވާ މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އީވާ މައްސަލަ ހުށަހަޅުއްވާފައިވަނީ ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައެވެ.
މި މައްސަލަ ހުށަހެޅުއްވުމަށްފަހު ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ, އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް އާއިލާއަކަށް ގެއްލުންވާ ކަމެއް ކަމަށެވެ. އަދި އެ ވާހަކަ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމާއި ޤަރާރު ހުށަހަޅައިގެން ދައްކާފައިވާ ކަމަށާއި, ނަމަވެސް ހައްލެއް ނުލިބުނު ކަން ފާހަގަ ކުރައްވާ ވިދާޅުވީ, މި މައްސަލައިގެ ފެށުމަކީ ފްލެޓްތަކަކީ ވޯޓަށް ޖެހި ކަޑަތަކަށްވުން ކަމަށެވެ.
"މާލޭ މީހުންގެ ބޯހިޔާވެހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނުހަދާށޭ. މާލޭ މީހުންގެ ޒަރޫރީ އެދުން އެއީ ސަލާން ޖަހަން ނުހަދާށޭ, މާލޭ މީހުން ލައްވާ އާދޭސް ކުރަން ނުހަދާށޭ. ފުރަތަމަ ދުވަހު ވެސް ވައުދުވި ފަދައިން ފުރަތަމަ ދުުވަހު ވެސް ބޯހިޔާވެހިކަމުުގެ މައްސަލައާ ފުރަތަމަ ދުވަހު އުޅޭށޭ. އެންމެ ފަހު ދުވަހަށް ނުބަހައްޓާށޭ. ގައިމު އެންމެ ފަހު ދުވަހަށް ނުބެހެއްޓިނަމަ އިރާދަ ކުރެއްވީތީ މާލޭ މީހުން ތިބޭނީ ގޯތި ގެދޮރަށް ވަދެ" އީވާ ވިދާޅުވިއެެވެ.
އީވާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމުގެ މައްސަލައިގައި މިހާރުގެ ސަރުކާރުން ވެސް ދަނީ ދުވަހެއް ދުވަހަކަށް ފަހަތަށް ކަމަށެވެ. އަދި އެގޮތަށް ކަން ނުކޮށް, މައްސަލަ ނެތް, ފްލެޓް ހައްޤުވެރިންނަށް ފްލެޓްތައް ހަވާލު ކުރަން ގޮވާލެއްވިއެވެ.
"މި މައްސަލާގައި ފްލެޓްތައް ދިން ގޮތާ މެދު ގިނަ ޝަކުވާތައް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ދޫކުރަން ޖެހޭ" އީވާ ވިދާޅުވިއެވެ.