ރަސްމީ ދަތުރެއްގައި ގަތަރަށް ދާން ބައްސާމްގެ ޕާސްޕޯޓް ދޫކޮށެއް ނުދިން

ދައުލަތުން ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭއެފްސީގެ ބައްދަލުވުމަކަށް ރާއްޖެއިން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އެފްއޭއެމްގެ މައްސަލަ އާއި ގުޅިގެން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ގަތަރުގައި އޮތް އޭއެފްސީގެ ބައްދަލުވުމަކަށް ދައުވަތު ލިބިފައިވާތީ ޕާސްޕޯޓް ދޫކުރަން ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެކަމަށް ދައުލަތުން ވަނީ ދެކޮޅުހަދާފައެވެ. ކޯޓުން ނިންމީ ބައްސާމްގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ.
އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ބޭރުގެ އިދާރާތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތެވެ.
ދާދިފަހުން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ފައިސާ ނަހަމަ ގޮތުގައި ބައްސާމް ބޭނުންކޮށްފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ފައިސާ އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.