ރައީސް ދެއްވީ ކިނބިދޫ-ވޭމަންޑޫ ގުޅާލާނެ ކަމުގެ ޔަގީންކަން
ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅޭލާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކިނބިދޫގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ އިގްތިސޯދީ ކުރިއެރުން ގެނެސްދިނުން ކަމަށެވެ.
ތަރައްގީ ބައްޓަންކުރުމުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެކިގައުމުތަކަށް ތަރައްގީ އައިއިރުވެސް އައިސްފައިވަނީ މަގުތަކާއި، ބްރިޖްތައް، ކެނަލްތައް އަދި ޓަނަލްތައް ހަދައިގެން ކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެޅާފައިވަނީ އެއް ބްރިޖްކަމަށާއި ދެވަނަ ބްރިޖެއްގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ތަރައްގީ ކުރުމުގައި އެހެން ގައުމުތަކުންވެސް ތަރައްގީ ހާސިލުކޮށްފައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކިނބިދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން އެއްފަސްވެގެންދިއުން ކަމަށާއި، އެކަން ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލާނެކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.
ތަރުތީބެއް ކަނޑައަޅައިގެން ތަރައްގީގެ މަޝްރޫއުތައް ގެންދެވިގެން ނޫނީ މިހާރު އޮތް އިގްތިސާދީ އަނދަވަޅުން އަރައިގަނެގެން މާނަހުރި ދެކޮޅިޖެހޭ، ދެމެހެއްޓެނިވި ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށްވެސް މިތާ ކަނޑަޖަހާފަ ކަންތައްތަކެއް ނަމެއްގައި ފެށިދާނެ، އިންތިހާބު ކުރިމައްޗަށް އޮތީމަ. އެގޮތަކަށް ނުކުރާނަން. ހަގީގީ މާނައިގައި ރައްޔިތުންނަށް ކަންކަން ވާގޮތަށް ކޮށްދޭނީ، އިޚްލާސްތެރިކަމާއެކީގައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކިނބިދޫގައި އެންމެ އިސްކަމެއް ދޭނީ ކޯޒްވޭގެ މަސައްކަތަށް ކަމަށާއި ދެންހުރި ކަންކަންވެސް ބަޖެޓްގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
ރައީސް ވަނީ ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ތަރުތީބު ކޮށްދިނުމަށް ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. އެކަން އެގޮތަށް ކުރުން މުހިންމުވަނީ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްކަމަށްވެސް ވިދާޅުވިއެވެ.