ހުސްގޮނޑި ގުނަން ސުޕްރީމް ކޯޓުން ކުރި އަމުރު ބޯހަމަނުޖެހޭ: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބޯހަމަނުޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި މަޖިލިސް ރައީސް ވަނީ މި މައްސަލައިގައި މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވަން ފުރުސަތު ދެއްވައިފައެވެ.
މި ބަހުސްގައި ރޮޒައިނާ ވިދާޅުވީ, މަޖިލީހުގައި ނެތް ބަޔަކު ލައިގެން ބޯ ގުނުމަކީ ބުއްދި ހަމަނުޖެހޭ ކަމެއް ކަމަށާއި ކޮމިޓީތަކާއި ބަހުސް އަދި ވޯޓުގައި ބައިވެރިނުވެވޭ ބަޔަކު ހިމަނައިގެން ޖުމްލަ އަދަދު ގުނަން ޖެހުމަކީ މީހުން މަރުވުމުން ވެސް އެ މީހުން ހިމެނުން ކަހަލަ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ, މިގޮތަށް އަމަލުކުރާނަމަ ރޯދަ މަހު ކަދުރު ބަހާއިރު ގޭގޭގައި މަރުވެފައި ތިބި މީހުން ވެސް ލައިގެން ބަހަން ޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިތަނަށް ބަޔަކު އިންތިހާބު ނުކުރެވޭ ހާލަތެއްގައި ގޮނޑިތަކެއް ހުސްވެފައި މިވަނީ. އެހެންވީމަ މި ވަގުތު ކިހިނެއްތޯ އެ މީހުން ލައިގެން މިތަނުގައި މަޖިލިސް ކުރިއަށްދާ ކަމަށްވަންޏާ ވޯޓު ގަޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެންޖެހޭނެ. އެ އަދަދު ހަމަކުރަން ވެސް ބަޔަކު ތިބެންޖެހޭނެ. ބަހުސްކުރަން ވެސް ތިބެވެން ޖެހޭ،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ހުސްގޮނޑިތައް ގުނަން ޖެހޭނަމަ އެ މެންބަރުންނަށް މުސާރަ ހިނގާތޯއާއި މުސާރަ ފޮނުވަނީ ކޮންތަނަކަށްތޯ ކޮންގޮތަކުންތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާތީ، ރޮޒެއިނާގެ ވާހަކަ ހުއްޓުވައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ނިޒާމެއް ނުކުތާއެއް ނަންގަވައި ކޯޓުގައި ހިނގަމުން އަންނަ މައްސަލައަކަށްވާތީ މި މައްސަލައިގައި މަޖިލީހަށް ބަހުސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
ސިރާޖުގެ ނިޒާމީ ނުކުތާއަށް ފަހު، ކުޑަވަގުތުކޮޅަކަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާއި އަސްލަމް މަޝްވަރާތަކެއް ކުރެއްވުމަށްފަހު, ރިޔާސަތުގެ ހުށަހެޅުމުގައި ވެސް ވިދާޅުވީ ގޮތަށް މަޖިލީހުގެ ތަރަހައިން ކުރާ އެއްވެސް ކަމެއްގެ މައްޗަށް އިތުރު ބަޔަކަށް ބަސް ނުބުނެވޭނެ ކަމަށް ވާތީ އަސްލަމް ވިދާޅުވީ ބަހުސް ކުރެވޭނެ ކަަމަށެވެ. އެހެންނަމަވެސް މިއީ މަޖިލީހާ ގުޅޭ މައްސަލައަކަށް ކަމަށްވާތީއާއެކު ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ މެދު މެންބަރުން ވާހަކަ ނުދެއްކެވުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.