އިގްތިސާދަށް މިއަހަރު 5.5 އިންސައްތަ ކުރިއެރުމެއް ލިބޭނެ: ސައީދު
![](https://dhen.mv/wp-content/uploads/2024/01/photo1706201658-1-850x548.jpeg)
މިއަހަރު ރާއްޖޭގެ އިގުތިސާދަށް 5.5 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތީ ނުރައްކާތެރި މާލީ ހާލަތަކަށް ކަމަށެވެ. އެހެންވެ އެހާލަތުން ގައުމު ސަލާމަތްކޮށް، ދަރަންޏާއި ނުދައްކާހުރި ބިލްތައް ސަރުކާރުން ދައްކަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މިއަހަރު އިގުތިސާދީ ކުރިއެރުން ލިބޭނެ ކަމަށާއި ސޮވްރިން ޑިވްލޮޕްމަންޑް ފަންޑް (އެސްޑީއެފް)އަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފައިވާ ކަމަށެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު މާލީ އަދި އިގްތިސާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މިދިޔަފަސް އަހަރު ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. މާލީ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ދަރަނި ދުވަހަކުވެސް ބޮޑުނުވާ މިންވަރަށް އުފުލިފައިވެއެވެ.
މި ސަރުކާރުން ފައްޓަވާފައިވާ އިގްތިސާދު ފުޅާކުރުމުގެ މަސައްކަތްތަކާއެކު، މާލީ ހާލަތު ރަނގަޅުވާނެކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާ، އައިއެމްއެފން ވަނީ ފާހަގަކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން އައިއެމްއެފުން ފާހަގަކުރެއްވާފައިވެއެވެ.