އައްޑޫ މޭޔަރުގެ ތައުރީފް ރައީސަށް
އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ނުކުރެވި އޮތް މައްސަލާގައި އެ ސިޓީގެ އެމްޑީޕީ މޭޔަރު އަލީ ނިޒާރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
އެ ސްޓޭޑިއަމް ގައި ކުރިއަށްދާ އައްޑޫ ސްކޫލްސް އެތްލެޓިކްސް މީޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، އެ މުބާރާތް ބޭއްވުމަށް ނިންމައި ފުޓްބޯޅަ އެސޯސިއޭޝަން އަށް ޕްރޮޕޯސަލް ހުށަހެޅިއިރު އެ ސީޓީ އޮތީ އެފަދަ ކަމަކަށް ތައްޔާރަށް ނޫން ކަމަށެވެ.
'' ....މި މުބާރާތް ފެށެން އެއް ދުވަހަށްވީއިރވެސް މަގުތަކުގެ ތާރުއަޅަން މަސައްކަތްކުރި މުބާރާތް ފެށުނު ދުވަހުވެސް މިތާ ވަށައިގެން ހުރި މަގުތައް ނުހުޅުވި ހުރިކަން ފާހަގަކުރެވޭ، މި ވަގުތުވެސް މަސައްކަތް ވަށައިގެން ސްޓޭޑިއަމްގައި މި ވަގުތުވެސް ދަވާދުލުން އެދަނީ'' ނިޒާމު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އެ ސްޓޭޑިއަމް އަކީ 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކޮށް އޮތް ސްޓޭޑިއަމް އެކެވެ. ކުރީ ސަރުކާރުން އެއްވެސް ވަރަކަށް ސްޓޭޑިއަމް އަށް އަޅާނުލެވި އޮތް ކަމަށް ވިދާޅުވިއެވެ.
ތަވާދުކޮޅެއް މިންވަރުވެސް ހާކާނުލެވި އޮތް ތަނެއް މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން މި ސްޓޭޑިއަމްއަކީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މިތަން ވީރާނާވުމަށް ދޫނުކުރަން މިތަން މަރާމާތުކުރަން.
ނަމަވެސް މިދިޔަ ފަަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ކޮށްދީފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން ދިޔައިރު ހަލުވި ސްޕީޑުގައި ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން ސްޓޭޑިއަމް މަރާމާތުގެ މަސައްކަތް ކޮށްފައިވާ ކަމަށްޓަކައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާއިފްއަށާއި ރައީސް މުއިއްޒަށް ނިޒާރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.