ދިވެހިބަހާ ބެހޭ ވުޒާރާގެ އައު ވެބްސައިޓު ލޯންޗުކޮށްފި

ޚާއްސަ ފީޗަރތަކަކާއެކު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އައު ވެބްސައިޓު ލޯންޗުކޮށްފިއެވެ.
ވެބްސައިޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ އަލަށް ތަޢާރަފް ކުރެވުނު ވެބްސައިޓުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ގުޅުން ހުރި މަޢުލޫމާތު ވަރަށް ފަސޭހައިން ފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެބްސައިޓު އިތުރަށް މުއްސަނދި ކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދާއިރާއާ ގުޅޭ މަޢޫލޫމާތު ވަރަށް ފަސޭހައިން ވެބްސައިޓުން ފެންނަން ހުންނާނެ. ޚާއްޞަކޮށް ތަރިކައިގެ ދެ ބާވަތްކަމުގައިވާ މަޢުނަވީއާއި މާއްދީ ތަރިކައާ ގުޅޭ މަޢުލޫމާތު ވެބްސައިޓުގައި ހުންނާނެ." އާދަމް ނަޞީރު ވިދާޅުވިއެވެ.
ދިވެހިބަހާއި ބެހޭ ވުޒާރާއިން ވިދާޅުވީ އަލަށް ތަޢާރަފް ކުރެވުނު ވެބްސައިޓުން ފެންނާނެ އެންމެ ފާހަގަކޮށްލެވޭ ފީޗަރއަކީ ދާދިވަރުކޮށް ނުވަތަ ތްރީޑީކޮށް ރާއްޖޭގައި ހުރި ތަރިކަތައް ބަލާލެވުން ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހިމެނޭ 4 މާއްދީ ތަރިކައެއްގެ ތްރީޑީ މޮޑެލް ވެބްސައިޓުގައި ހިމެނޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެ 4 ތަރިކައަކީ ފުވައްމުލަކުގައި ހުންނަ ފުނާޑު މިސްކިތާއި ހުޅުމީދޫގައި ހުންނަ ކޯގަންނު މިސްކިތާއި އުތީމު ގަނޑުވަރާއި މާލޭ ހުކުރު މިސްކިތު މުންނާރެވެ.
މީގެ އިތުރުން، އަލްއުސްތާޛު މުޙައްމަދު ޖަމީލުގެ އަޑުފުޅުން ރެކޯޑުކުރެވިފައިވާ ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ހާޖަރާގޭ މުޙައްމަދު ތަައުފީޤުގެ އަޑުން ރެކޯޑުކުރެވިފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު ވެސް ވެބްސައިޓުން އަޑުއަހާލެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދިވެހިން މީގެ ކުރިން އަޑުއަހާ އުޅުނު ވާހަކަތަކާއި ރާއްޖޭގައި ފާހަގަކުރާ ދުވަސްތަކާއި ގުޅުންހުރި މަޢުލޫމާތުތައް ވެސް ވެބްސައިޓުން ފެންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ޤައުމިއްޔަތާއި ގުޅުންހުރި ބަހާތައް ދިރުވާ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެ ގޮތުން، މިފަދަ މަޢުލޫމާތުން މުއްސަނދި ވެބްސައިޓެއްގެ އިތުރުން ޤައުމީ ތަރިކައިގެ ކޮލެޖެއް އުފެއްދެވުމަށް ނިންމެވުމާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް ޤާއިމްކުރުމަކީ ވެސް ޤައުމިއްޔަތު ދިރުވުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންކަމެވެ.