ޚަބަރު

ފައިސާ ނުލިބޭ މައްސަލާގައި ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން

މިފްކޯއަށް ކިރި މަހަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މަސްވެރިންތަކެއް ކޫއްޑޫގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވަނީ ކޫއްޑޫ މަސްވެރިން އިހުތިޖާޖުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް 'އެކްސް' ގައި ޕޯސްޓު ކުރައްވާފައެވެ. މަސްވެރިންގެ ކަންބޮޑުވުމަކީ އެ މީހުން ކިރި މަހަަށް ތިން ލިބެންޖެހޭ ފައިސާ ނުލިބި ތިން މަހަށް ދިގުލައިގެން ދިޔުމެވެ.

އެ ވީޑިއޯ ހިއްސާކުރައްވާ ސައުދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސްވެެރި އާއިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

''ސަރުކާރުގެ ޔުޓިލިޓީ ހިދުމަތްތަކާއި އިންޓަނެޓްގެ ވަސީލަތްތަކާއި ބޭންކު ލޯނުތަކަށް ފައިސާ ނުދެއްކި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ބޮޑު'' ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަައިސާ ނުލިބުމުގެ ސަބަބުން ދުވަހުން ދުވަހަށް މަސްވެރި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ކަންކަން ކުރުމަށްވެސް ދަތިވެފައިވާ ކަމަށެވެ. މަސްވެެރިންނަށް ދޭން ޖެހޭ ފައިސާ ވަގުތު ދިނުމަށް ސައުދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ދާދީ ފަހުން ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ފައިސާ ދީފައިވާ ކަމަށް ވިދާޅުވިއެވެ. މިހާރު ނުދެވި އޮތީ 190 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެ ފައިސާ ދިނުމަށް ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!