ޚަބަރު

ކިއު ތަރުތީބު އޮޅުވާލާ، އިތުރަށް ފައިސާ ނަގައިގެން އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ޙައްޖު ޖާގައެއް ނުދޭނެ: އެމްޑީ ޝަކީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްޑީ ޝަކީލް "ދެން"އަށް އިންޓަރވިއު ދެއްވަނީ

ކިއު ތަރުތީބު އޮޅުވާލާ، އިތުރަށް ފައިސާ ނަގައިގެން އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ޙައްޖު ޖާގައެއް ނުދޭނެ ކަމުގެ ޔަޤީންކަން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަސްލު ޓީވީން ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން ބާބު ޓީވީ ޕްރޮގްރާމްގައި ޙައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތާކަ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޝަކީލް ވިދާޅުވެފައިވަނީ، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޙައްޖަށް ދިއުމަށް ރެޖިސްޓްރީކޮށް ފައިސާދައްކާފައިވާ ފަރާތްތަކުގެ ބޮޑު ކިއު ކަމުގައެވެ.

ރެޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ގިނަ ފަރާތްތަކަކަށް ފުރުޞަތު ނުލިބި ގިނަދުވަސްތަކެއް ފާއިތުވަމުންދާތީ އެކަމަށްޓަކައި އެމް.ޑީ ޝަކީލް ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

ޙައްޖުގެ އަޅުކަމުގެ ނަމުގައި އޮޅުވާލައިގެން ރައްޔިތުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީ ޝަކީލް ވިދާޅުވެފައިވަނީ، ޙައްޖުގެ އަޅުކަންފަދަ މާތް އަޅުކަމެއްގެ ނަމުގައި ނުހައްގުން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަކީ ޙައްޖު ކޯޕަރޭޝަނުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި މިފަދަ އިސްލާމީ މުޖުތަމައެއްގައި ހިނގައިގެންވެސް ވާނެ ކަމެއް ނޫންކަމުގައެވެ.

"ޙައްޖު ކޯޕަރޭޝަނުން އަދި ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފަކުވެސް އުސޫލުގެ ބޭރުން ފައިސާ ނަގައިގެން އެއްވެސް ބޭފުޅަކަށް ކިއު ތަރުތީބުގެ ބޭރުން ޙައްޖަށް ދާކަށް ފުރެޞަތެއް ނުދޭނަން" އޮޅުވާލައިގެން ފައިސާ ހޯދުމާ ގުޅޭގޮތުން އެމް.ޑީ ޝަކީލް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވެފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުން ގެންދަމުންދަނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ "ޙައްޖު އަދި ޢުމްރާ އާއި ބެހޭ ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެމަތިން ޙައްޖަށް ފައިސާ ދައްކައި ޙައްޖު ޖާގަ ކަށަވަރުކޮށްފައިވާ ތަރުތީބުންކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމަށް އެކޯޕަރޭޝަނުން އަމަލު ކުރަމުންދަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުންކަމަށާއި، އުޞޫލުން ބޭރުން އާންމުރައްޔިތުންގެ ނަންބަރުތަކަށް ގުޅައި ޙައްޖުގެ އަޅުކަމާގުޅޭ އެއްވެސް ފައިސާއެއް ވަކިވަކި ފަރުދުންގެ އެކައުންޓަށް ޖަމާކުރުމަށް އެކޯޕަރޭނުން ނާންގާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އޮޅުވާލައިގެން ފައިސާ ޖަމާކޮށްދިނުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކަކާ ގުޅިގެން އެކޯޕަރޭޝަނުންވަނީ ދާދި ފަހުން ނޫސްބަޔާނެއްވެސް ނެރެފައެވެ. ވަކި އަދަދަކަށް ފައިސާ ޖަމާކުރުން މިއަހަރު ޙައްޖަށް ދެވޭނެ ކަމަށް ނުވަތަ ވަކި އަދަދަކަށް ފައިސާ ޖަމާކުރުމުން ކިއުތަރުތީބުގެ ކުރިއަށް ޖެހޭނެ ކަމަށްބުނެ ކުރަމުންދާ ސްކޭމްކޯލްތަކަށް ސަމާލުވުމަށް އެކޯޕަރޭޝުން ވަނީ އިލްތިމާސް ކޮށްފައެވެ. ޙައްޖު އަދި ޢުމްރާއާގުޅޭ އެއްވެސް ފައިސާއެއް ފޮނުވާނަމަ އެ ފައިސާއެއް ފޮނުވެނީ ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށްކަން ކަށަވަރު ކޮށްފައިނޫނީ ފައިސާ ނުފޮނުވުމަށްވެސް އެކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!