ދާޚިލީ ވުޒާރާގެ ވެބްސައިޓު ހެކްކޮށް އިންޒާރުދީފި
ދާޚިލީ ސަލާމަތާ, ފަންނާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓް ހެކުކޮށްފިއެވެ.
އެ ވެބްސައިޓް ހެކް ކޮށްފައި ވަނީ އިންޑިއަން ސައިބާ ފޯސް ނަމަކަށް ކިޔާ ހެކަރު ގްރޫޕަކުންނެވެ. ވެބްސައިޓަށް ވަނުމުން ފެންނަނީ އެ ވެބްސައިޓު ހެކުކޮށްފައިވާ ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯއެކެވެ.
ހެކަރުންގެ ގްރޫޕުން އާންމު އާންމުކޮށްފައިވާ މެސެޖުގައި ވަނީ، މިއީ ފެށުމެއް ކަމަށާއި އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާން ކުރަން ޖެހޭ ކަމަށް ބުނާ އިންޒާރެކެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ބުނީ މިނިސްޓްރީގެ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވެބްސައިޓް ޑައުންވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައި ވެެއެވެ.
ނަމަވެސް, ވެބްސައިޓު ޑައުން ވީ ހެކްކުރުމާ ގުޅިގެން ކަމަށް އެ ވުޒާރާއިން އެއްބަސްވެފައިނުވެއެވެ.
އެ ވުޒާރާގެ ވެބްސައިޓު ހެކް ކޮށްފައިވީ ނަމަވެސް އެ ވެބްސައިޓުގައި ހުރި ޚަބަރުތަކަށާއި ޕޭޖުތަކަށް ވަދެވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ގުޅުވައި ބައެއް ޑެޕިއުޓީ ވަޒީރުން ދެއްކި ވާހަކަތަކާ ގުޅިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އެކަމާ ގުޅިގެން އިންޑިއާ ރައްޔިތުންގެ ނުރުހުން އަމާޒުވިއިރު މީގެ ކުރިން ވެސް ރަސްމީ ވެބްސައިޓުތަކަށް މިފަދަ އެޓޭކްތައް ފޮނުވާފައިވެއެވެ.