ޚަބަރު

ކަނޑުގެ މައްސަލައިގައި މިދިޔަ ސަރުކާރުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް: އޭޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތު ބޮޑުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ގެއްލުނު ކަނޑުގެ ބައި ހޯދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ބަންޑާރަނައިބްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްވާ ގޮތުން ކަނޑުގެ މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް ޢައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ޤާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް ލިބިފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

ކަނޑުގެ ސަރަހައްދު ހޯދުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މިސަރުކާރުން ކަނޑައަޅާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ އީ.އީ.ޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ނިމިދިޔަ ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަން ހާމަވެފައިވާ ކަމަށެވެ.

ކަނޑުގެ މައްސަލާގައި ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!