ފުނަދޫ ގައި ދެ އައިސް ޕްލާންޓް އަޅަނީ
ށ. ފުނަދޫ ގައި ދެ އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ރޯދަ މަހު ފަހުން ފަށައި ތިން މަސް ތެރޭގައި ނިންމާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ރައީސްއާ އެކު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފުނަދޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ފުނަދޫގައި އައިސް ޕްލާންޓު އެޅުން މިހާރު އޮތީ ބަޔަކަށް ހަވާލުކުރުމާއި ހިސާބުގައި ކަމަށެވެ.
'' ހަމަ ޓެންޑަ ބޯޑުން އެވޯޑް ކުރަންވީ. މިފްކޯއަށް އެވޯޑްކުރާ ހިސާބުން ފެށީގެން އިރާދަކުރެއްވިއްޔާ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ، ނުނަގާނަން މިދިޔަ ސަރުކާރުން ނެގި ން އަހަރު ދެ އަހަރު'' ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އައިސް ޕްލާންޓެއް އަޅަން މަދުވެގެން ހޭދަވާނީ ހަ މަހެވެ. އަމާޒު ހިފާފައިވަނީ ތިން މަސް ތެރޭގައި ފުނަދޫ އައިސް ޕްލާންޓުގެ މަސައްކަތް ނިންމާލުމަށް ކަމަށް ވިދާޅުވިއެވެ.
ފުނަދޫ ހިސާބުގައި ފަރުމަސްވެރިކަން ކުރުމަށް ގިނަ ރައްޔިތުންތަކެއް ކޮންމެ ދުވަހަކު ނިކުންނަ ކަމަށާއި އެހެންވެ އެ ހިސާބުގައި ވަނދު ކަނދުފައްޗެއް ހަރުކޮށްދޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އެކަމުގެ މަަސައްކަތް ކުރިއަށްދާ ކަމަށާއި ހަފްތާ ބަންދުތެރޭގައި އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.