ބާރަށު ކާނި ގަހުގައި ރޯކޮށްލި މައްސަލަ ފުލުހަށް
ހއ. ބާރަށުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނި ގަހުގައި ރޯކޮށްލި މައްސަލަ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން ފުލުހަށް ހުށަހަޅައިފިއެވެ.
ގާތްގަނޑަކަށް 400 އެއްހާ އަހަރުވީ އެ ގަހުގައި ރޯކޮށްލީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ރޯކޮށްލީ ކޮން ބައެއްކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މިރޭ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ކާނި ގަހުގައި ރޯކޮށްލި މައްސަލަ އިދާރާތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
''މި މަރުކަޒުން ދަނީ ހއ. ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން މިކަން ހިނގާ ދިޔަގޮތާއި މި ގަހަށް ގެއްލުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދަމަށް މަސައްކަތް ކުރަމުން'' މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
ކާނިގަސް ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ދެމެހެއްޓެނިވި އިޖުތިމާއި އަދި އިގުތިސާދީ ފައިދާ ލިބޭ ގޮތަށް ތަން ތަރައްގީ ކުރުމުގެ މަސައްކަތް ތަރިކަ އާއި ބެހޭ މިނިސްޓްރީން ވަނީ ފަށާފައެވެ.
އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުންނަމަ އެއީ ހިމާޔަތްކޮށްފައިވާ ގަހެއް ނަމަވެސް އެ ގަސް ރައްކާތެރިކުރުމަށް އެއްވެސް ސަރުކާރަކުން އަހަމިއްޔަތުކަމެއް ދީފައެއް ނުވެއެވެ.
އެ ކާނި ގަހުގެ ތެރެއިން ނިކަ ގަހެއް ފަޅައި، ގަސް ބޮޑަވަމުންދާ ވަރަކަށް ކާނިގަސް މަރުވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.