ޚަބަރު

ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ "ކޭލި" ސޮފްޓްވެއާ ތައާރަފްކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އުއްތަމަ ފަނޑިޔާރު، ކޭލި ސޮފްޓުވެއާ ލޯންޗުކޮށް ދެއްވަނީ/ ފޮޓޯީ: މޯލްޑިވްސް ޖުޑިޝަރީ

ޝަރީއަތްތަކުގައި ދައްކާ ވާހަކަތައް މެނުއަލްކޮށް ލިޔަން ނުޖެހި އޮޓޯއިން ސްޕީޗް-ޓު-ޓެކްސްޓްއަށް ލިޔެވޭ ސޮފްޓްވެއާ ކަމަށްވާ "ކޭލި" ސޮފްޓްވެއާ މިއަދު ތައާރަފްކޮށްފިއެވެ.

Ads by Sosun Fihaara

އެ ސްފޮޓްވެއާ ތައާރަފްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނެވެ.

ކޭލަ" ސޮފްޓްވެއާ އަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ސްޕީޗު ޓު ޓެކްސްޓު ސޮފްޓުވެއާ އާއި އެއްފަދަ ސޮފްޓުވެއާއެކެވެ.

ކޭލި ސޮފްޓުވެއާ ޑިވެލޮޕްކޮށްފައި ވަނީ ދިވެހިންނެވެ. މި ސޮފްޓުވެއާ ކޯޓުތަކުގައި ބޭނުންކުރުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށް ޖޭއެސްސީން ބުންޏެވެ. މިއާއެކު ކުރުން އަކުރަށް ރެކޯޑިންގްތައް ޓައިޕުކުރަން ނަގާ ވަގުތު ހޭދަވެގެން ނުދިޔުމުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތުގެ ރޭޓުވެސް އަވަސްވެގެން ދާނެއެވެ.

ކޯޓުގެ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ، ކޯޓުތަކުގައި ހިންގާ އަޑުއެހުންތަކުގެ ނިސްބަތުން ކޯޓުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ އަދަދު މަދުވުމާއެކު، އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް އަކުރުން އަކުރަށް ލިޔެ މަޙްޟަރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުމެވެ.

2021 ވަނަ އަހަރު 1597 ގަޑިއިރު އަދި 2022 ވަނަ އަހަރު 2354 ގަޑިއިރުގެ ރެކޯޑްކުރެވިފައިވާ އަޑުއެހުންތައް މަޙްޟަރުކުރަން ޖެހިފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މަދު މުވައްޒަފުން ކޯޓުގައި ހިނގާ ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ލިޔަން އެ ހޭދަވާ ވަގުތުގެ ސަބަބުންވެސް ޝަރީއަތްތައް ނުވަތަ ހުކުމް ކުރުން ލަސްވެގެންދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!