އެލްޖީއޭގެ ސީއީއޯ، ބަޔާން ބާތިލުކުރަން އެންގުން ދިފާއުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އެ އޮތޯރިޓީގެ ސީއީއޯ ޑރ މަރިޔަމް ޒުލްފާ ދިފާއު ކުރައްވައިފިއެވެ.
ރައީސް ކެނދިކުޅުދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަވްތާ ޕާޓީއަށް ތާއިދު ހޯއްދެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ކައުންސިލުން ވަނީ އިއްޔެ ދިގު ބަޔާނެއް ނެރެފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ތިބޭ އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތްކުރައްވާތީވެ ރައީސް އޮފީހުން އަންގައިގެން އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށެވެ. ބަޔާނުގައިވާ ގޮތުންނަމަ ރައީސް ރަށަށް ފައިބައި ވަޑައިގަތުމަށް ފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖެއްސީވެސް ކައުންސިލުންނެވެ. ނަމަވެސް ވަކި ހިސާބަކުން ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށެވެ.
އެ ބަޔާނާއި ގުޅިގެން އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ ރައީސްގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.
"ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ދަންނަވަމެވެ''
އެހެން ކަމުން ގާނޫނުގެ ހަމަތަކާއި ކައުންސިލްގެ ބާރާއި މަސްއޫލިއްޔަތުން ބޭރުން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މާދަމާ މެންދުރު ދޭއްގެ ކުރިން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.
އެ ބަޔާނާއި ގުޅޭ ގޮތުން ''ދެން'' އާ ވާހަކަ ދައްކަވަމުން ޒުލްފާ ވިދާޅުވީ ރައީސްއަށް އިހުތިރާމުުކުރުމަކީ ކައުންސިލުތަކަށް ގާނޫނޫ އަސާސީން ލާޒިމުކުރާ ކަމެއް ކަމަށެވެ. ޒުލްފާ އިޝާރާތް ކުރެއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިިންގުމުގެ 131.3 ވަނަ މާއްދާގެ ނ އަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލް މެންބަރުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮންމެ ފަރާތެއްގެ އިއްޒަތާއި ކަރާމާތަށާއި އެމީހަކަށް ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
''ބޭނުންވާ ގޮތަކަށް ބަޔާން ނެރުން ބަލައިނުގަނެވޭނެ. ރައީސްގެ އިސްތަށިފުޅުގައި އިލްޒާމު އެޅުވުމަކީ ހަމައެކަނި އަބުރުގެ މައްސަލައެއް ނޫން، އެއީ ޖިނާއި ކުށެއް'' ކައުންސިލްތަކާއި މެދު އެލްޖީއޭއިން ހަރުކަށި އުުސޫލުން ކަންކަން ކުރާ ކަމަށް ދެކެވެމުންދާ ވާހަކައަށް ރައްދު ދެއްވައި ޒުލްފާ ވިދާޅުވިއެވެ.