ހަރުފަތް ރިޕޯޓް

ޕެސްޓުގެ ހަރުފަތް: ރެޕުން ހޯދީ ޝުއޫރު ފާޅުކުރުމުގެ ހިތްހަމަޖެހުން

އަލީ ސަމާޙް ، ދެން އޮންލައިން
މަޝްހޫރު ރެޕް ލަަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓު)

ސިމްބޮލިކް ރެކޯޑްސް (އެސްއާރު) ގެ މިއުޒިކް ލޭބަލް، މިއީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް އައި ބޮޑު އިންގިލާބެކެވެ. އޭގެ ކުރިން، މި އިންޑަސްޓްރީން ފެންނަނީ ދިވެހި އަމިއްލަ އުފެއްދުންތަކުގެ މަދު ލަވަތަކެވެ. އެ އިންގިލާބު ގެނެސްދިނުމުގެ މުގުލުގައި ހުރި އެއް ބަތަލަކީ އިސްމާއީލް އިފްހާމް (ޕެސްޓް) އެވެ.

Ads by MWSC

މި ކިޔައިދެނީ ޕެސްޓުގެ މިއުޒިކް ހަޔާތުގެ ހަރުފަތެވެ. މިއަދު އަމިއްލަ ރެކޯޑު ލޭބަލްގެ ސްޓޫޑިއޯއެއްގައި "ދެން" އޮންލައިނަށް އިންޓަވިއު ދޭން ޕެސްޓު އިން އިރު، އެ ހިސާބަށް އައީ ދިގު އަދި ގޮންޖެހުންތައް ގިނަ ދަތުރެއް ކޮށްފަ އެވެ.

އޭނާ ދެކޭ ގޮތުގައި، އެންމެ ޅައިރުގެ ދުވަސްތަކުގައި މި ކަން ފެށިއްޖެ އެވެ. މިއީ ގަސްތެއް އޮވެގެން، ނޫނީ މާ ބޮޑަށް ރާވައިގެން ފެށި ކަމެއް ނޫނެވެ. ފެށުނު ކަމެކެވެ. އެ ކަން އިހުސާސްވީ ވެސް، މި ހިސާބަށް ކުރި ދަތުރާ މެދު، ހުއްޓި ހުރެ ފުންކޮށް ފިކުރުކޮށްލުމުންނެވެ.

"ގިނަ ބަޔެއްގެ މަަސައްކަތް މިއީ، އަހަރެންނަށް އުނދަގޫ އަހަރެން އެކަނި މި ވާހަކަ ދައްކަން މިހެން އިންނަން ވެސް، އެކަމަކު އަހަރެންގެ ނަޒަރުން ވެސް މި [ވާހަކަ] ކިޔައިދޭނަން،" ޕެސްޓު އެ ވާހަކަތައް ކިޔައިދޭން ފަށަމުން، އޭނާގެ މުޅި ޓީމުގެ މަތިން ހަނދާނަކުން ނުދާ ކަން ފާހަގަކުރި އެވެ.

"ކެރިއަރު ސްޓާޓް ކުރީއެކޭ، ސްޓާޓްވީއެކޭ ވެސް ނޭނގެ ބުނާކަށް،"

ޕެސްޓަށް ދިމާވި ކަމަކީ، ހިތު ތެރޭގައި އުފެދޭ ހިޔާލުތަކާއި ޝުއޫރުތައް ދުލާ ހަމައަށް ޖުމުލަތަކެއް ގޮތަށް ތަރުތީބު ކުރަން ދަތިތަކެއް ހަށީގައި ހުރުމެވެ. ސްކޫލް ދުވަސްވަރު ބުލީ ކުރުމާއި، ދިމާ ކުރުމާއި ފުރައްސާރައިގެ ކިތަންމެ ކަމެއް ހިނގި ނަމަވެސް އޭނާ އުޅުނީ އެ ވާހަކަތައް ބުނެދޭން ނޭނގިފަ އެވެ.

"އަހަރެންނަށް ފާހަގަވި ކަމަކީ ރެޕް އިން، ހިޕްހޮޕް އިން، މި ޝުއޫރުތައް ފާޅުކުރަން، މީގެ ޕޮސިބިލިޓީ، އޭގެ ފުރުސަތު، މާ ބޮޑޭ، އަަހަރެންނަށް ވަރަށް ފަސޭހައޭ،" ޕެސްޓު ބުންޏެވެ.

"މީހުންނަށް ނޭނގިދާނެ، އިހުސާސް ނުވެދާނެ، އަހަރެން މި ކަން ކޮށްގެން މި ލިބޭ ހިތްހަމަޖެހުމެއް، މި ޝުއޫރު ފާޅުކުރުމަކުން,"

އެ ދުވަސްވަރު މުނިފޫހިފިލުވުމަށް މައިގަނޑުކޮށް އޮންނަ ކަމަކީ ވެސް ފޮތް މައުރަޒުން ލިބޭ ފޮތް ކިޔުމާއި ޓީވީ ބެލުމެވެ. ލަވައިގެ ތެރެއަށް ވަދެވުނީ، ޓީވީން އަންނަ ލަވަތައް ފެނި އޭގެ ޅެމަށް ފާޑުކިޔަން ވެސް ފެށުމުންނެވެ. އޭރު ޅެމަށް ފާޑުކިޔާ ޕްރޮގްރާމެއް ޓީވީން ބެލި ކަމަށް ވެސް ޕެސްޓު ބުންޏެވެ.

އެއީ ޕެސްޓުގެ މިއުޒިކް ހަޔާތުގެ ހަރުފަތަށް އެރުމުގެ ދަތުރު ފެށުނު ގޮތެވެ. އޭރު ޅެންބަހުރުވައިން ޝުއޫރު ފާޅުކުރަން ޅެން ލިޔަމުން ގެންދިޔަ ނަމަވެސް، ޕެސްޓު ބުނާ ގޮތުގައި، މިއުޒިކާއި ލަވައާއި އޭގެ ރާގަކީ އޭނާއަށް އޭރު އެއްވެސް މައުލޫމާތެއް އެނގޭ އެއްޗެއްސެއް ވެސް ނޫނެވެ.

"ކޮންމެ ވެސް ވަރަކަށް މޭޒުގަ ރާގަކަށް ތަޅައިގެން، ފޮތުގަ ޅެން ލިޔެގެން، އެކަމަކު އޭރު މިއުޒިކާ ބެހޭ އެއްވެސް އެއްޗެއް ނުއެއް އެނގޭ، މި ބުނަނީ އޭގެ އެއްވެސް މައުލޫމާތެއް އަހަރުމެންގެ ނެތޭ، ރާގެއް ކިހިނެއްތޯ ގެންނާނީ،" ޕެސްޓު ބުންޏެވެ.

ފުރަތަމަ ބޮޑަށް ޝައުގުވެރިކަން އުފެދުނީ "ޖަލު" ލަވަތަކެވެ. ޖަލުގައި ތިބި ބަޔަކު ހެދި އެ ލަވަތަކުގައި ޝުއޫރު ފާޅުކުރުމަށް ދީފައިވާ ޖާގައަކީ އަޅައިގަތް ކަމެކެވެ. ދެން ބޭރުގެ މިއުޒިކްތަކުގެ ތެރެއަށް ވަދެވުނެވެ. އެއިން ފާހަގަވި ކަމަކީ، ރެޕްގައި ޝުއޫރު ފާޅުކުރުމުގެ ޖާގަ މާ ބޮޑު ކަމެވެ.

"އެހެން މިއުޒިކްތަކުގަ ޝުއޫރު ފާޅުކޮށްފަ، ބުނެދޭން އުޅޭ ވާހަކައެއްގެ ކިރިޔާ ހެޑްލައިނެއް އޮވެފައި ދެތިން ޕޮއިންޓް މި ކިޔައިދެވެނީ، ރެޕް ޅެންބަހުރުވައިގަ މާ ގިނަ ވާހަކަތަކެއް އެބަ ދެކެވެއޭ. އެއީ ރެޕްގެ ތެރެއަށް ވަދެވުނު ގޮތް،" އޭނާ ބުންޏެވެ.

ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީން އިވެން ފެށި ރެޕް، ހިޕްހޮޕް، މެޓަލް އަދި ރޮކް މިއުޒިކްގައި ހިމެނޭ ޝުއޫރު ފާޅު ކުރުމުގެ ވަރުގަދަ ލަވަތަކުން އޭނާގެ ހަޔާތަށް އޭގެ އަސަރުތަކެއް ކޮށްފި އެވެ. އޭގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިއްޖެ އެވެ.

"އެމިނެމް އެންމެ ބޮޑަށް، ފިފްޓީ ސެންޓް ވެސް އުޅޭނެ، މެޓަލްގެ ބާވަތްތަކެއް ވެސް އުޅުން، ލިންކިން ޕާކް، ރެބެލް މިއުޒިކްތައް ވެސް ވަރަށް އުޅުނު އޭރުގައި، ސިސްޓެމް އޮފް އަ ޑައުން، އެ ހުރިހާ އެއްޗެއް އިންފިލުއެންސް އަހަރުމެންނަށް މި ކުރީ،" ޕެސްޓު ވަރަށް ތަފްސީލްކޮށް ކިޔައިދީފި އެވެ.

ފުރަތަމަ ލަވަ އަދި ފުރަތަމަ އަލްބަމް

ކުރުކޮށް، ފޮނިކޮށް، ހުލާސާ ގޮތަކަށް ޕެސްޓު ކިޔައިދިން ނަމަވެސް އެއީ ކުރު އަދި ފަސޭހަ ދަތުރެއް ނޫނެވެ. ގިރާކުރަން ޖެހުނު އޮޅިގަނޑުތައް ގިނަ އެވެ. ގޮންޖެހުންތައް މަދެއް ނޫނެވެ.

"މާލޭގައި ދިރިއުޅެން ފެށި ފަހުން އެންމެ ބޮޑު މަސައްކަތަކަށްވީ ސްކޫލް ދައުރުގައި ލިޔުނު ރެޕް ޅެންތައް ލަވައަކަށް ބަދަލު ކުރެވޭނެ ގޮތެއް ހޯދުން. ކުރި މަސައްކަތުން، ރާއްޖޭގައި ބައެއް މަޝްހޫރު ޕްރޮޑިއުސަރުން ކައިރިއަށް ގޮސްފިން، މި ލަވަތައް އިއްވައިދީފިން،" ޕެސްޓު ބުންޏެވެ.

ލަވައަކަށް ބަދަލުކުރެވޭ ގޮތްވީ، ރެޕް އާޓިސްޓު ޔެސީއާ ދިމާވެ، އެނާއަށް ބައެއް ލަވަތައް ކަމުދިޔަ ހިސާބުންނެވެ.

"ޔެސީއަށް އިއްވީ ބައެއް ލަވަތައް، ޔެސީއަށް [ވަރަށް ބޮޑަށް] ކަމުދިޔަ އެއް ލަވަ، ވީޑިއޯއެއް ގޮތަށް ތައްޔާރު ކުރަން ނިންމީ،" ޕެސްޓު ބުންޏެވެ.

ފުރަތަމަ ލަވައިގެ މަސައްކަތް ފެށި އިރު ޕެސްޓުގެ އުމުރުން އެންމެ 16 އަހަރެވެ. އޭރު ވީޑިއޯއަކަށް އެރުމަކީ އޭނާގެ ގްރޫޕުން ވަކި އެހާ ބޭނުން ވެސް ވި ކަމެއް ނޫނެވެ. އެ ގްރޫޕަށް ޝުއޫރު ފާޅުކޮށްގެން ލަވަ ކިޔެނިކޮށް އެންމެ ރަނގަޅެވެ.

"މީގެ ބޭނުން ވަނީ ޝުއޫރު ފާޅުކުރުމޭ، މަގުސަދަކީ، އެހެންވީމަ ލަވަ އޯޑިއޯއެއް ގޮތަށް އޮތަސް އެ ޝުއޫރު އޮންނާނީ ފާޅުވެފައޭ. ދެން ހިތަށް އެރީ، އަނެއްކާ ވެސް އެހެން ހިޔާލެއް، ހަމައެކަނި އެހެން އޮވެގެން މި ރެޕް، ހިޕްހޮޕް އެއްޗަކަށް ނުވެދާނޭ، ބަޔަކު ނުކުމެގެންނޭ އެއްޗަކަށް ވާނީ،" ޕެސްޓު ބުންޏެވެ.

ޕެސްޓު، ބޭ، އެޑިލް، ޔެސީ ފަދަ އާޓިސްޓުން ނުކުމެ އުފެއްދި ލަވައަކީ "ރީތި ކުދިން" އެވެ. އެ ދުވަސްވަރުގެ އެއީ އެންމެ މަޝްހޫރު އެއް ލަވަ އެވެ. އެ ވަރުގެ މަގުބޫލު ކަމެއް އެ ލަވައަށް ލިބުމަކީ، ޕެސްޓު ވެސް ހީކޮށްގެން ހުރި ކަމެއް ނޫނެވެ.

"ދެން ވީޑިއޯ ލަވަ ހަދައިފަ މަ މި ދިޔައީ މައިސޫރަށް ކިޔަވަން. ކިޔަވަން ގޮސް ހުއްޓައި އެ ލަވަ މި ރިލީޒު ކުރަނީ. ރީތި ކުދިން ކިޔާ ލަވައެއް. މާ ގިނަ ދުވަސްތަކެއް ނުވެ ދެން ރާއްޖެ އައި އިރު ލަވަ ވަރަށް ބޮޑަށް މަޝްހޫރުވެފަ މި އޮތީ،" ކުރެވުނު މަސައްކަތުގެ ހިތްހަމަޖެހުމާއެކު، ޕެސްޓު ބުންޏެވެ.

ނަމަވެސް އެ ލަވައިން ބޮޑަށް މީހުނަށް އެނގުނީ އެ ލަވަ އެވެ. ޕެސްޓެއް ނޭނގެ އެވެ. އޭނާއާ އެކީ މި އޮތް ވަރުގަދަ އާޓިސްޓުންނެއް ނޭނގެ އެވެ. އެ ގްރޫޕްގެ އޭރު ވެސް އޮތީ އެންމެ ލަވައެއް ނޫނެވެ. އެހެންވެ ލިޔެފައި ދެން ހުރި ލަވަތައް ވެސް ރާގާއި މިއުޒިކާ އެކު ތައްޔާރުކޮށް، އަމްލަބެއް ނެރުމަށް ނިންމީ އެވެ.

"މަގުމަތިން ފެނުނަސް މީހުން ގޮވާ، އެކަމަކު ލަވައިގެ ނަމުން މި ގޮވަނީ، މީހާގެ ނަމަކުންނެއް ނޫން، ދެން ހިތަށް އެރީ، މިވީކީ އަދި ކަމުދާ ގޮތެއް ނުނޭ، އަދި މީހާގެ ނަމެއް ނޭނގޭ. މީހުންނަށް މި އެނގެނީ ލަވައިގެ ނަމޭ. އަހަރުމެންނަކީ އެންމެ ލަވައެއް ލިޔެގެން އުޅޭ ބައެއް ވެސް ނޫން،" ޕެސްޓު ބުންޏެވެ. ފުރަތަމަ އަލްބަމް، ''މަގުމަތި'' ރިލީޒްކުރީ އޮކްޓޫބަރު، 2013 ވަނަ އަހަރެވެ. އަލްބަމް ރީލިޒްކުރިއިރު ސިމްބޮލިކް ރިކޯޑްސް ވަނީ ވުޖޫދުވެފައެވެ. އެސްއާރް އުފެއްދީ މާޗް 2013 ގައެވެ.

އަމިއްލަވަންތަކަމުގެ ހިޔާލު ކުރިއަށް

ފުރަތަމަ އަލްބަމްގެ މަސައްކަތަށް ދިޔައިރު ގޮންޖެހުންތައް ވީ އިތުރެވެ. "މަގުމަތި" އަލްބަމް" ގެ ލަވަތައް ވަރަށް ހިނގައިފި އެވެ. ދެން އެކަމަކު ކުރިއަށް ދާން ބެލިއިރު، ޕްރޮޑިއުސަރުންނާއި ރެކޯޑު ކުރަން ވަސީލަތްތައް ދޭން ތިބި މީހުނާ ހިޔާލު އެއް ގޮތް ނުވުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.

"ކޮޕީ މިއުޒިކް، ޔޫޓިއުބުން މިއުޒިކް ޑައުންލޯޑްކޮށްގެން، އަހަރުމެންނަށް ނޭނގި، އަހަރުމެން ލައްވައި އެޔަށް ޅެން ލިޔުއްވަން މަސައްކަތް ކުރީމަ، އެ މައްސަލަ މި ދިމާވީ، ކޮޕީ ރާގުގެ މައްސަލަ މި ދިމާވީ ކޮންމެއަަކަސް،" ޕެސްޓު ބުންޏެވެ.

"އަހަރުމެން ވަރަށް އިސްކަމެއް ދިން ކަމެއް އެއީ، އަމިއްލަ ލަވަތަކެއް، އަމިއްލަ މަސައްކަތުން ދިވެހި އަމިއްލަ އުފެއްދުންތަކެއް ނެރެން،"

ޕެސްޓާއި އޭނާގެ ރަތާއި ކަޅުގެ ލަޝްކަރުގެ ޓީމަށް ވިސްނުނީ އަމިއްލަ ސްޓޫޑިއޯއެއް ހެދުމަށެވެ. އަދި އަމިއްލަ މިއުޒިލް ލޭބަލްއެއް ދެން ގެނައުމަށެވެ. "މަގުމަތި" އަލްބަމްގެ ވެރިން، އަދި ރެޕް ކުރިއަރުވަން ބޭނުންވެފައިވާ އެކި އެކުވެރިންނާ ވެސް އެކީ، ދެން މި އުފެއްދީ "ސިމްބޮލިކް ރެކޯޑްސް" އެވެ.

"އަބަދުވެސް ކޮންމެ ވެސް މައްސަލައެއް ދިމާވެދާނެ، އަހަރުމެންނާ ހިޔާލު ތަފާތުވާ، ވިސްނުން ދިމާނުވާ ބަޔަކާ އެކު މަސައްކަތް ކުރަން އުނދަގޫ ވާނެ، އެ ގޮތުގެ މަތިން ސިމްބޮލިކް ރެކޯޑްސް ވުޖޫދަށް މި ގެންނަނީ،" ހަރުފަތަށް އެރުމުގެ ދަތުރު ޕެސްޓު ކިޔައިދެމުން ދިޔަ އެވެ.

އެސްއާރު ލޭބަލް އުފެދި ފުޅާވުން

މަގުމަތި އަލްބަމް ނެރުނު އިރު އެއީ ހިނގާނެ ލަވަތަކެއް ކަން މާ ޔަގީނެއް ނޫނެވެ. އެއިރު ރާއްޖޭގައި މި އޮތީ ޕެސްޓު މެން ހިންގާ ޒާތުގެ މިއުޒިކަށް ފެތޭ ގޮތަށް އޮތް އިންޑަސްޓްރީއެއް ނޫނެވެ.

"ރާއްޖޭގައި މި އޮންނަނީ މުޅިން އެހެން ވައްތަރެއްގެ މިއުޒިކް ސީން އެއް، ބޮޑެތި ޝޯތައް ބާއްވައިގެން ލައިވް މިއުޒިކް މި ކުޅެނީ، ދެން ކުއްލިއަކަށް އަހަރުމެން ހަމައެކަނި މައިކެއް ހިފައިގެން، ހަމައެކަނި ޓްރެކެއް ޖަހައިގެން، ލަވަން ކިޔަން އަރަންވީމަ އެ ކަން ވީ ވަރަށް އޮޑު ކަމަކަށް، އަހަރުމެންނަށް ވެސް،"

ޕެސްޓު ގަބޫލު ކުރާ ގޮތުގައި، މުނިފޫހިފިލުވުމުގެ މަގުސަދަކީ އެ ބަލަންދާ ބަޔަކަށް، އަދި އަޑުއަހަން ތިބޭ ބަޔަކަށް ވެސް ކަމުދާ ކަހަލަ ޕާފޯމެންސެއް ހުށަހަޅައިދިނުމެވެ. އެހެންކަމުން ޕެސްޓުމެން އެ ހުށަހަޅާ ދިވެހި ހިޕްހޮޕް އަކީ ހިނގާނެ އެއްޗެއް ކަން ވެސް ޔަގީން ކުރަން ޖެހެ އެވެ.

"އަހަރުމެންނަށް ވަރަށް ކަމުދޭ، އެކަމަކު އެހެން ބަޔަކަށް ވެސް ކަމުދޭތޯ ބަލަން ވެސް އެބަ ޖެހޭތާ، އެފަދަ ބަޔަކު ތިބިތޯ ވެސް،"

މި ހާލަތުގައި ވެސް ޕެސްޓް، ބޭ، އަދި އެޑިލްއަށް ދިމާވި "ޑާކްނެސް އާއިލާ" ވީ ރެޕަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށެވެ. އެ އެކުވެރިން އަބަދުވެސް ހިތްވަރުދީ، ޝޯތަކަށް ގޮސް ފޯރި ދެމުން ދިޔަ އެވެ. އެއީ ކުޑައިރު މާލެ ބަދަލުވުމުގެ ކުރިން ވެސް ބޭއާ ބައްދަލުވެ، ބޭ މެދުވެރިކޮށް ޕެސްޓަށް އެނގުނު، އާއިލާއެއް ގޮތަށް ދެކޭ ވަރަށް ގާތް އެކުވެރިންތަކެކެވެ.

ސިމްބޮލިކް ރެކޯޑްސްގެ ރެކޯޑް ލޭބަލް ވުޖޫދަށް ގެންނަން މަސައްކަތް ކުރި ޕެސްޓް، ބޭ، އަދި އެޑިލްއަށް އެ ކަން ކާމިޔާބުވީ "ޑާކްނެޒް ފެމިލީ" ގެ އެކުވެރިންގެ ސަބަބުންނެވެ. ހާއްސަކޮށް ކުރީގެ ނޫސްވެރިޔާ އަހުމަދު މުހައްމަދު (އޭޑީ) ކުރި މަސައްކަތް ފާހަގަކުރި އެވެ.

"ހިންގާ އޮނިގަނޑާއި، ލިޔެކިޔުންތަކާއި، މި ހުރިހާ އިދާރީ، އަދި ލީގަލް ޕްރޮސީޖާ ހަމަޖައްސައިދިނުމުގައި އުޅުނީ އޭޑީ،"

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް އެ ދުވަސްވަރު އުފެދިގެން އައުމަކީ، އެ ވިސްނުމުގެ އިތުރު ބަޔަކު ހޯދަން ފަހިވި ފުރުސަތަކަށެވެ. ފޭސްބުކްގައި ދިވެހި ހިޕްހޮޕް ކޮމިއުނިޓީއެއް އުފެދި، އޭގެ ތެރެއިން ރާއްޖޭގައި އެ ޖާންރާގެ މިއުޒިކް ކުރިއަރުވަން ބޭނުންވާ ބަޔަކު ހޯދުނެވެ.

މި ގްރޫޕުގައި އުޅުނު ވަރަށް ބައިވަރު، ރެޕަށް ލޯބިކުރާ، ހިޕްހޮޕްއަށް ލޯބި ކުރާ މީހުން، ޔަންގް ޖެނެރޭޝަންގެ، އާ ޖީލެއްގެ އާ ކުދިންތަކެއް،

ރެޕް އަދި ހިޕްހޮޕް ލަވަތައް ކަމުދާ ދިވެހީން އެއްތަންވެ، އެ ގްރޫޕްގައި ތަޖުރިބާ ކުރި ހަމައެކަނި ކަމަކީ އެ މީހުންނަށް ކަމުދާ ބޭރުގެ އާޓިސްޓުންގެ ލަވަތައް ކިޔުމެއް ނޫނެވެ. ދިވެހި ބަހުން ރެޕްގެ ޅެން ބަހުރުވައިން ވާހަކަ ދެއްކުން ވެސް އެ ގްރޫޕްތަކުގައި އާންމު ވެއްޖެ އެވެ.

"ދިވެހި ބަހުން ރެޕް ކުރުން، އަދި އެ ވެސް އަލަށް އާ ކަމެއްތާ އެއީ، އެ ކަން ވެސް ފުރަތަމަ ތަޖުރިބާ ކުރެވިގެން ދިޔައީ އެ ގްރޫޕުތަކުގައި، ހިޔާލުތައް ފާޅުކުރަމުން ދިޔައީ، ރެޕް ޅެން ބަހުން. ބާސް އިން، ރެޕްގެ ކޮމިއުނިޓީއެއް އޮތް ކަން އެނގިގެން މި ދިޔައީ،" އޭނާ ބުންޏެވެ.

އެ ކޮމިއުނިޓީން ދިމާވި އިތުރު ހުނަރުވެރިން، އެސްއާރު ލޭބަލްއާ ގުޅިއްޖެ އެވެ. އެ އެންމެން ވެސް އެއްބަސްވީ، ރާއްޖޭގައި ހިޕްހޮޕް މިއުޒިކް ކުރިއަރުވަން ޖެހޭ ކަމެވެ. ގުޅިގެން މަސައްކަތް ކޮށްފިއްޔާ ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެކަކު އުޅުމަށް ވުރެ އެންމެން އެކައްޗެއް ކިޔަންވީ އެވެ.

"ފުރަތަމަ މި އުޅުނީ މަށާއި، ބޭއާއި، އެޑިލްއާ ތިން މީހުން، އޭރު ވެސް ގަބޫލުކުރި ކަމެއް އެއީ، ގިނަ ބަޔަކު އުޅެފިއްޔާ ވާނޭ، މި ދިމާވި އެންމެންގެ ވެސް އެއްބަސްވެވުނު އެއް ކަމަކީ ހިޕްހޮޕް ރާއްޖެއަށް އަންނަން ޖެހޭ، އެ ބޭނުން އެބައިން އެންމެންގެ ވެސް ދިމާވާ ބޭނުމަކަށް،" ޕެސްޓު ބުންޏެވެ.

އެއް ފިކުރެއްގެ، ބަޔަކު އެއްވެގެން އުފެއްދި ލޭބަލް އިން މިއަދު 300 އަށް ވުރެ ގިނަ ރެޕް އަދި ހިޕްހޮޕްގެ ލަވަތައް ގެނެސްދީފި އެވެ. ލައިވް މިއުޒިކް ޝޯތަކުގައި ވެސް އެ ހުށަހެޅުންތައް ދިވެހިން ބަލައިގެންފި އެވެ. އަބަދުވެސް އެ ލޭބަލް ކުރިއަށް ގެންދިޔުމުގެ ފިކުރުގައި ތިބި ޒުވާން ޖީލެއް އޮތުމަކީ މިއަދުގެ މަސައްކަތެވެ.

އާ މިއުޒީޝަނުންނަށް ދޭން ބޭނުންވާ މެސެޖް

މިއުޒިކްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ މިއުޒީޝަނުންނަށް ޕެސްޓު ދޭން ބޭނުންވާ އެންމެ ބޮޑު މެސެޖަކީ، އެ ކަން ކުރުމުގައި އެ މީހަކަށް މުޖުތަމައުގައި އަދާ ކުރެވޭނެ ދައުރު ހޯދުމެވެ.

"އަހަރެންގެ ދައުރަކީ، ބައެއް މީހުން، ޝުއޫރު ފާޅުކުރަން، އަމިއްލަ ނަފުސު ބުނެދޭން ދަތިވާ ކިތަންމެ މީހަކު އުޅޭނެ، މި ރާއްޖޭގައި، އެއިން މީހަކު އެ ދެކޭ ގޮތެއް ވެދާނެ އަހަރެން ދެކޭ ގޮތަށް ވެސް، އޭގެ ބަޔަކަށް ދެވޭ ހިތްހަމަޖެހުމެއް ގޮތަށް އަހަރެންގެ ލަވަތައް ވުން،" ޕެސްޓު ބުންޏެވެ.

މީގެ އިތުރުން އެ ޝުއޫރެއް ފާޅު ނުކުރެވޭ މީހުންނަށް، އެ މީހެއްގެ ނަޒަރުން ލަވަތައް ގެނެސްދިނުމަކީ ވެސް ޕެސްޓު، މިއުޒީޝަނެއްގެ ހައިސިއްޔަތުން އަދާ ކުރާ ދައުރެކެވެ.

އާ މިއުޒީޝަނުންނަށް ޕެސްޓު ދިން މެެސެޖަކީ އެ ދައުރެއް ހޯދުމަށެވެ. އަދި ހިތްވަރު ދޫނުކުރުމަށެވެ. ރެޕް މިއުޒިކް ރާއްޖެ ގެނައުމަށް ޕެސްޓާއި އެސްއާރު ނުކުތް އިރު އެއީ ދިވެހީންގެ މެދުގައި މާ މަގުބޫލު މިއުޒިކްގެ ބާވަތެއް ނޫނެވެ. އެހެން ނަމަވެސް މިއަދު މަންޒަރު ތަފާތުވީ، ކުރި އެތައް ބުރަ މަސައްކަތަކުންނެވެ.

އެހެންކަމުން އާ ހިޔާލަށް ފަސް ނުޖެހުމަށް ޕެސްޓު އިލްތިމާސް ކުރި އެވެ. އަދި ޒުވާން އާ ޖީލުގެ އާ ހިޔާލުތައް ބަލައިގަނެ އެ ބަޔަކަށް ދެވެން އޮތް އެހީތެރިކަމެއް ދިނުމަށްް އެސްއާރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"މިއަދުގެ އާ ހިޔާލެއް ވެދާނެ، މާދަމާ ގިނަ ބަޔަކު ބަލައިގަންނަ މައި ހިޔާލަށް ވެސް،"

Ads by Ooredoo
  1. ޕެސްޓު

    ރީތި އިންޓަރވިއު ތަކެއް ގެނެސްދޭން އުޅުނަސް ކުރި ކަމެއް ނުކުރާކަމަކަށް ނުވާނެ. ލައްގަނޑު ޖެހިފަ ހުރީ. ކިޔާ ލަވަތަކުގަވެސް ހުސް އަވަގުރާނަ އޮންނަނީ އެއްޗަކައް. ތެދައް ބުނާނަމަ އިންގިލާބު ގެނައީ ރޯ އަވަގުރާނަ ގޮވައިގެން. ހަލާކުވެފަ އޮތް ޖީލެއްގެ ބަސްމަގު އިތުރައް ހަލާކުވުން ނޫން ކަމެއް ނުވި. ‘ދެން’ އަށް “ޝުކުރު” ހައްގު މިކަހަލަ ކަންކަން ޕްރޮމޯޓް ކޮއްދޭތީ ވެސް.

    • ވާނުޥާ

      ތިމާ އައް ވެދާނެ އަވަގުރާނަ އައް އަހުންނަކައް ނުވޭ

  2. މުހައްމަދު50

    މިކަހަލަ ތާކުންތާކު ނުޖެހޭ ދެއުޅިއެއްނުވާ މީހެއްގެ އިންޓަވިއުއެއް ގެނެސްދިނީތީވެސް ލަދުގަނޭ… އަދިވެސް ކުރެވުނު ވިޔަފާރި މާމޮޅީ ވިޔާ..

  3. ަައަޖައިބު

    ޑްރަގްް ބޯޯ ގޭންގުު މެމްބަރެއްގެެ އިންޓަވިއުު ގެނެސްދިނީ

  4. ދެންް މީީ ކާކުު ހިންގާާ ނޫހެއްް… ޑްރަގްް ޕާޓޭޭ އެއްގެެ އިމްޓަވިއ ގެނެސްދިނީީ… ދަރިންް ހަލާކުު ކުރާާ ނޫސްތައްް ހުއްޓުވަންް ޖެހޭޭ…

  5. ބައްސޭ

    ޕެސްޓް. އާދަޔާ ޚިލާފް ހުނަރުވެރިއެއް. ޅެންތަށްވެސް އެހާމޮޅު. ކީޕްއިޓްއަޕް