މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނަން: މިނިސްޓަރު ޝަހީމް
މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގެ ދީނަކީ އިސްލާމް ދީނަށްވާއިރު ރާއްޖޭގައި ނަމާދު ވަގުތުތަކުގައި ނަމާދުގެ އަޑު އިވުމަކީ މައްސަލައެއް ކަމަށް ވެފައިވާ ކަމަށް ސުވާލު އުފެދޭގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
ޖަމީލް މިހެން ވިދާޅުވީ ގޭބިސީތަކުގެ ކައިރީގައި ހުންނަ މިސްކިތްތަކުގައި ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދުކުރުން ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކޮށެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިސްކިތް ކައިރީގައި ދިިރިއުޅޭ ގޭގައި ނަމާދުކުރާ އުޒުރުވެރިންނަށާއި އަންހެނުންނަށް ދަތިވާތީ އެ ހާލަތާއި ގުޅިގެން އެއްޗެއް ދެންނެވީ ކަމަށް މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން ޖަމީލް ވަނީ ރާއްޖޭގެ ދީނަކީ އިސްލާމް ދީނަށްވާއިރު ރާއްޖޭގައި ނަމާދު ވަގުތުތަކުގައި ނަމާދުގެ އަޑު އިވުމަކީ މައްސަލައެއްކަމަށް ވަނީ ކިހިނެއް ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި އެއީ ހަނދާން ކޮށްދިނުމެއް ކަމަށާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކުރާ ބަޙުސް ރާއްޖޭގައި ކުރެވިގެން ނުވާނެ ކަމަށާއި ހުދޫދެއްގެ ތެރޭގައި ބޭރަށްވެސް އަޑު އިވެންވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ގޭބިސީތަކުގެ ބުޑުގައި ނޫންގޮތަކަށް ހުރީ ކިތައް މިސްކިތްތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖަމީލްގެ ޕޯސްޓަށް ރައްދުދެއްވާ ޝަހީމް ވިދާޅުވީ އެއްވެސް މިސްކިތެއްގައި އަޑު ކަނޑުވާލުމުގެ ވާހަަކަ ނުދައްކާ ކަމަށެވެ.
ދީނަކީ އިސްލާމް ދީން ކަމަށްވާއިރު ކަންކަން ތަންޒީމު ކުރުމުގައި ވެސް ދީނުގައި މަޤްސަދުތަކަކާއި ޤަވާއިދުތަކެއް ކަނޑައެޅިފައިވާކަން ޖަމީލް އަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. ޝަހީމްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.