ޚަބަރު

މަގުތަކުގައި ކުނި ގިނަވަނީ ޕިކަޕް ދަތުރުތަކުގެ އަގު ބޮޑުވީމަ: މޭޔަރު

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މާލޭ މޭޔަރު އަލީ އާޒިމް، ކައުންސިލުގެ ބައްދަލުވުމެއްގައި/ ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ކުނި ގިނަވަނީ އަމިއްލަ ޕިކަޕު ދަތުރުތަކުގެ އަގު އިންތިހާއަށް ބޮޑުކަމުން ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އިއްޔެ ބޭއްވި ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މަގުތަކުގައި ކުނި ތޮއްޖެހިފައި ވަނީ ވެމްކޯއިން ކުނި އުކާލަދޭ އަގު ބޮޑުވެގެން ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އަމިއްލަ ޕިކަޕު ދަތުރުތަކަށް ނަގާ އަގު ބޮޑުވުމެވެ.

"އަޅުގަނޑަށް ލިބިފަ ހުރި ބިލްތަކުގަ އެބަހުރި، ޕިކަޕް ޗާޖެސް 50 ރުފިޔާ ޖަހާފަ ކުނިގޮނޑަށް ދާން 1500 ރުފިޔާ ޖަހާފަ. އެއީ އަސްލު މިޖެހޭ މައްސަލައަކީ" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ވެމްކޯއިން ކުނި އުކާލަން ނަގާ އަގު ކަނޑާލާފައި ވީނަމަވެސް، ޕިކަޕް ދަތުރުކޮށްދޭ މީހުން ކުނި ގޮނޑަށް ދިއުމަށް 800 އަށްވުރެ ބޮޑު އަގެއް އާންމުކޮށް ނަގަމުންދާ ކަމަށެެވެ.

"މިކަމަކީ މިގޮތަކަށް ރައްޔިތުންނަށް އެފޯޑުކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުވެސް ނުދެކެން. އެކަމަކު އަޅުގަނޑު އެދެނީ ރައްޔިތުންނަށް މަގު މައްޗަށް ކުނި ނާޅުއްވާ ވެމްކޯއަށް ވެސް ވަގުތު ދީގެން މިކަން ކުރުން" އާޒިމް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުރި ކުނި ސާފުކުރުމަށް ކެނޑިނޭޅި 18 ދުވަހު މަސައްކަތް ކުރެވުނު އިރު، އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ބައެއް މީހުން މަގުމައްޗަށް ކުނި އެޅުން ހުއްޓާނުލާކަން ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލުންނާއި ވެމްކޯއިން ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ކުނި ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މަގަށް ކުނި އަޅާ މީހުން ފާހަގަކޮށް އެމީހުން ޖޫރިމަނާކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މާލޭގެ މަގުތަކުގައި ކުނިތައް ތޮއްޖެހުނީ ރޯދައަށް ގޭތެރެ ސާފުކުރުމާއި، ތަކެތި އާކުރުމުގެ ތެރޭގައި އުފެދޭ ކުނި މަގަށް އެޅުމުންނެވެ. މި މައްސަލަ އިންތިހާއަށް ބޮޑުވެ މި މަހުގެ 13 އާ ހަމަޔަށް ވެމްކޯއިން ހިލޭ ކުނި އުކާލަދިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!