ޚަބަރު

މަޖިލީސް އިންތިހާބު: ދިހަ ހާސް މީހުން ރީ-ރަޖިސްޓްރީކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އީސީން މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ދިހަ ހާސް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Sosun Fihaara

ކުރިން ރޯދަ މަހު ބާއްވަން ތާވަލުކުރި އިންތިހާބު ލަސްވުމާއި ގުޅިގެން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ ތިނެއް ޖެހިއިރުއެވެ. އީސީން ރޭ އާއްމުކުރި ނަންބަރުތައް ދައްކާ ގޮތުން އޮންލައިން ޕޯޓަލް ''އީ ފާސް'' މެދުވެރިކޮށް 11،169 މީހަކު ވަނީ ރީ-ރަޖިސްޓްރީވާން ހުށަހަޅާފައިވެވެ. އޭގެ ތެރެއިން ސައްހަވީ 10،028 ފޯމެވެ. ރިޖެކްޓްވީ 11،141 ފޯމެވެ.

މި އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނީ އީސީން ކަނޑައަޅާފައިވާ 150 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ.

އެ އަދަދަށް ރީ-ރަޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިޔާ، ސްރީލަންކާގެ އިތުރުން މި އިންޑިއާގައެވެ. މޭލެޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 702 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު ލަންކާގެ ކޮލަމްބޯގައި ވޯޓުލާން ރަޖިސްޓްރީވީ 306 މީހުންނެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލާން ރަޖިސްޓްރީވީ 159 މީހުންނެވެ.

ކުރިން ވޯޓުފޮށި ބަހައްޓަން ނިންމި ތައިލެންޑް، އިނގިރޭސިވިލާތް އަދި އެކުވެރި އަރަބި އިމާރާތުގައި ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

އެހެންވެ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ލިބޭނެއެވެ. އީސީން ބުނީ، ހުޅުވާލާފައިވާ މުއްދަތުގައި ރީ ރަޖިސްޓްރި ނުކޮށްފިނަމަ އެ މީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!