ޚަބަރު

ބާތިލްވި ފޯމުތައް ރަނގަޅުކުރުމަށް ފަހު ވަރަށް އަވަހަށް ހުށަހަޅާނަން: ޕީއެންއެފް

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ހަވާލުކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ބާތިލްވި ފޯމުތައް އިސްލާހުކުރުމަށް ފަހު ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މަލީހު މިއަދު "ދެން"އަށް ވިދާޅުވީ، ބާތިލުވި ގިނަ ފޯމުތަކަކީ މައުލޫމާތުގައި އުނިކަމެއް ނުވަތަ ކުށެއް ހުރެގެން ބާތިލުވި ފޯމު ކަމަށެވެ. އެ ފޯމުތައް އިސްލާހުކޮށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ފުރަތަމަ ފަހަރު އިލެކްޝަން ކޮމިޝަނުން ފޯމު ފުރާ މީހާގެ މަންމަގެ ނަމާއި މަންމަގެ އައިޑީކާޑު [ޖަހަން ޖެހޭ ގޮތަށް] ތައާރަފްކުރި. އަސްލުގަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެއްކަމަކީ މިއީ، ބޭކާރު މައުލޫމާތު." މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، މަންމަ ނިޔާވެފައިވާ މީހުންގެ ފޯމުގައި މަންމަގެ އައިޑީކާޑު ނަންބަރު ޖަހަން ނުޖެހުނު ނަމަވެސް، އުމުރުން 70އަށްވުރެ މަތީ މީހުންގެ މަންމަގެ ނަން ހޯދުމަކީވެސް ބައެއް ފަހަރު އުނދަގޫކަމެއް ކަމަށެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 3070 ފޯމުގެ ތެރެއިން ސައްހަވީ 1،970 ފޯމެވެ. ގިނަ ފޯމުތަކުގައި ހުރީ ކުދި މައްސަލަތައް ކަމަށާއި، ސައްހަކަން ކަށަވަރު ނުކުރެވޭ 81 ފޯމު އޮތްކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހާމަކުރި އެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 ނޮވެމްބަރ 29 ވަނަ ދުވަހުއެވެ. އެ ޕާޓީގެ މުވައްސިސަކީ ރައީސް ޔާމީނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.

ޕީއެންއެފްއަކީ ރިޔާސީ އިންތިހާބަށް ފަހު ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ހީނަރުވެ، ކުރިން ހުންނެވި ޕީޕީއެމް/ޕީއެންސީއިން ދުރަށް ޖެހިވަޑައިގެން އުފެއްދަވަން ނިންމެވި ޕާޓީއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!