7000 މީހުން ފޮލޯ ކުރަމުން އައި ޖަޒީރަ ޓެލެގްރާމް ގްރުޕް ހިންގީ އަންހެނަކާއި ފިރިހެނަކު ވެގެން
ކުށުގެ ބޮޑު ނެޓްވޯކެއް ހިންގަމުން އައި ޓެލެގްރާމް ޗެނެލްތަކެއް ހުއްޓުވައި ހައްޔަރުކުރީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ހަށި ވިއްކުން އިސްތިހާރުކޮށް ވިއްކަމުންދާ ''ޖަޒީރާ'' ނަމަކަށް ކިޔާ ޗެނަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ވަނީ ޖަޒީރާ އެޑްމިން، ޖަޒިރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލެރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކު ހަބަރުގެ ނަމުގައި ހިންގަމުން އައި ޗެނަލްތަކެއްގެ މައްސަލަ ތަހުގީގުކޮށްފައިއެވެ.
އަދި އެ ޗެނަލްތައް ހިންގާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި މި މަހުގެ ހަ ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ ފަހަރަށް ފަސް ދުވަސް އަދި މިއަދު އިތުރަށް 30 ދުވަސް ވަނީ ޖަހާފައެވެ. އެފަދަ ގާނޫނާ ހިލާފު ކަންކަމާ ދުރުވެ ބައިވެރިނުވާން ފުލުހުން އިލްތިމާސްކުރެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ މި ޗެނަލްތައް ބޭނުންކޮށްގެން ވަނީ މަސްތުވާތަކެތި އަދި ހަށި ވިއްކުމުގެ ވިޔަފާރި ކޮށްފައިއެވެ.
އަދި މި ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކު މެންދުރު އިޝްތިހާރުގެ ޕޯސްޓުތައް ކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
މީގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް އެމީހުން ދިޔައީ އެކަމަށް ހާއްސަ ކުރެވިފައިވާ ޓެކްސީއެއް ބޭނުންކުރަމުން ކަމަށާއި މި ވިޔަފާރި ހިންގާފައި ވަނީ އެ ޓެކްސީގެ ޑްރައިވަރާއި މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު ދެ މީހުން ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއް ގައި ހަތަރު ތަނެއް ބަލައި ފާސްކޮށްގެން ކަމަށެވެ. މައްސަލަ އާއި ގުޅުންހުރި ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައިއެވެ.
އެ މައްސަލާ ގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށި ވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ތުހުމަތު ކުރެވެއެވެ.
އަދި އެ މީހުންގެ މާލީ މުއާމަލާތައް ބަލާއިރު އެ މީހުންކުރާ މަސައްކަތާ ނުބައްދަލު، ގިނަ އަދަދެއްގެ މާލީ މުއާމަލާތް ކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.