ޚަބަރު

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

އަންނަ މަހުގެ ތެރޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ''ރައީސްގެ ޖަވާބު'' ގައި ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚަކާމެދު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަަށާއި، އިތުރު ލިފްޓް ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމަށްޓަކައި ޑީޓައިލް ޑިޒައިނިންގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، އަންނަ މަހުގެ ތެރޭގައި ލިފްޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒްކުރާނެކަމަށެވެ.

"މިހާރު ކުރިޔަށްދަނީ މި ލިފްޓުތަކުގެ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް. ކުރިޔަށް މިއޮތް މަސްތެރޭގައި އެ ލިފްޓުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދަށް ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާއާއި ބަލި މީހުން އުފުލުމަށް ގޮންޖެހުންތައް ހުރި ކަމުގެ ޝަކުވާ އާންމުން ކުރާއިރު މި ސަރުކާރުން ވެސް ވަނީ ޓަވަރުތައް ޑިޒައިން ކޮށްފައިވާ ގޮތަށް ފާޑުކިޔައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ވަނީ ހިޔާ ފްލެޓުތައް ހެދުމަށް އާންމުންގެ އަތުން ދިޔަ ހަރަދުގެ އެވަރެޖު އަގެއް ހެދުމަށްފަހު، އެ އަގު އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!