ޚަބަރު

ގިނަ ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން: މިނިސްޓަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގިނަ ފަރާތްތަކުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ދިރާސީ އައު އަހަރު ފެށޭ ދުވަސް ބަދަލު ކުރުމާއި ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފް ވަނީ މަދު ހަފްތާކޮޅެއްގެ ތެރޭގައި އެތައް ހާސް ދަރިވަރުންނާ ބެލެނިވެރިންނަށް ވެދާނެ ގެއްލުމެއް، ނުކުމެދާނެ ނުރަނގަޅު ނަތީޖާއެއް ބަލާލުމެއް ނެތި، ކުއްލިއަކަށް ތާރީހުތަކަށް ބަދަލުގެންނެވީ ކީއްވެގެންތޯ އައްސަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމަށް ލިބުނު ފުުރުސަތުގައި މިނިސްޓަރ ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށާއި މިނިސްޓްރީގައި 30،000 ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް ވެސް އެބައޮތް ކަމަށެވެ. ރާއްޖޭގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނާއި ގާތް ކުރާ މީހުން ބޭނުންވަނީ މި ސަރުކާރުން ގެނައި ބަދަލާއިއެކު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ ތެރެއިން %69، ގާތްގަނޑަކަށް %70އާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައި ވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ނިންމުން ނިންމި މައިގަނޑު ސަބަބެއްގެ ތެރޭގައި ރާއްޖޭގެ ބަޖެޓުގެ އަހަރާއި ތައުލީމީ އަހަރު އެލައިން ކުރުން ނުވަތަ އެއް ދުވަސްވަރަކާ ދިމާކުރުން ހިމެނޭ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން އެތައް ގްރޭޑްތަކަކުން އެތައް ހާސް ކުދިންނެއްގެ ތައުލީމީ އަހަރުން ހަ މަސް ގެއްލިފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިހާރު ފަށަނީ އަހަރުގެ މެދުތެރެއިން ނަމަވެސް، ޖެނުއަރީ މަހުން ދިރާސާ އަހަރު ފަށާ ގޮތަށް ބަދަލުކުރުމަށް ޓަކައި، ސަރުކާރުން އަންނަނީ ސްކޫލްތަކުގެ ކިޔެވުމަށް ބަދަލުތަކެއް ގެންނަމުންނެވެ.

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!