ގިރާވަރު ފަޅުގެ މަސައްކަތް ހުއްޓިފައި އޮތީ ކޮންޓްރެކްޓަރަށް ފައިސާ ނުދީ އޮތުމުން
ކުރީ ސަރުކާރުން ގިރާވަރު ފަޅު ހިއްކަން ހަވާލުކޮށްފައި އޮތީ ނުބައްދަލު އަގެއްގައި ކަމަށާއި، އެ މަޝްރޫއޔ ހުއްޓިފައި އޮތީ މިހާރު ކުރެވިފައި ހުރި މަސައްކަތަށް ފައިސާ ނުދެއްކި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ގިރާވަރު ފަޅު ހިއްކަން ހަވާލުކޮށްފައި އޮތީ އަގު ބޮޑުކޮށް ކަމަށާއި، ސަރުކާރު ބަދަލުވި އިރު އެ މަޝްރުއޫ ހިންގާ ކޮންޓްރެކްޓަރަށް 30 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށެވެ.
"[ގިރާވަރު ހިއްކުމުގެ މަޝްރޫގެ] އެއްބައި އެއީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ކްރޮސް ސަބްސިޓީ މޮޑަލްއުން އެއީ 50 ހެކްޓަރު ހިއްކީމަ 50 މިލިއަން ދޭން ޖެހޭ ގޮތަށް، އަދި ބާކީ ހުރި މަސައްކަތްތައް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ލޯނެއްގެ ތެރެއިން ކޮންޓްރެކްޓަރަށް އެ ލާރި އޯވަ ޓައިމްގައި ޕޭ ކުރަން ޖެހޭކަހަލަ ގޮތަކަށް އަރޭންޖްމެންޓު ހަދާފަ އޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ގިރާވަރު ފަޅު ހިއްކާ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ހަމަޖެއްސައި، އެ މަސައްކަތް އަލުން ފެށުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ދައުލަތުން ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ލަސްތަކެއް ވާތީ، އެބޭފުޅުންނަށް ކުރިއަށް ގެންދަން ލަސްވަނީ. 50 މިލިއަން ޑޮލަރު އެބޭފުޅުންނަށް ލިބުނީމަ ދެން ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ހުރި މަސައްކަތްތައް އެބޭފުޅުން ފަށައިގެން ކުރިއަށް ގެންދާނެ" މުއްތަލިބު ވިދާޅުވި އެވެ.
ގިރާވަރު ފަޅުގެ މަސައްކަތް ހުއްޓިފައި އޮތް އިރު، މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ގިނަ ބަޔަކަށް ގޯތި ދޫކޮށްފައި އޮތީ އެތަނުންނެވެ. އެ ސްކީމުގެ ދަށުން ޖުމްލަ 9003 ގޯތި ދޫކުރި އިރު އޭގެ 5433 ގޯއްޗަކީ ގިރާވަރު ފަޅުން ދޫކުރާ ބިންތަކެވެ.
ގިރާވަރު ފަޅުން 150 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތީ 197 މިލިއަން ޑޮލަރަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ 240 ހެކްޓަރު ހިއްކާ ނިންމާލީ 50 މިލިއަން ޑޮލަރުގެ އަގެއްގަ އެވެ.