ޚަބަރު

ދެމެހެއްޓެނެވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރަންވީ : ޝިޔާމް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މިނިސްޓަރު އަހުމަދު ޝިޔާމް/ ފޮޓޯ: ރައީސް އޮފީސް

ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފުރުސަތު ފަހިވެއްޖެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓާ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

'އެކްސް' ގައި ކުރި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވައި ފުޅާކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ބޭނުން ނުކުރެވި ހުރި އެތައް ވަސީލަތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މީގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ އަސްކަރީ ބާރެއް އުފައްދައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި ''އެއާކޯ'' ގެ ނަން ދީފައިވާ އަސްކަރީ ބާރާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތް ވެސް ވަނީ ތައާރަފް ކުރެވިފައެވެ.

ސަރުކާރުން ބުނީ ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޢައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!