ވައިކަރަދޫ ކަރަންޓަށް ޖެހި ރައްޔިތުން މުޒާހަރާކުރަނީ

ހދ. ވައިކަރަދޫއަށް ކަރަންޓުގެ ހިދުމަތް ނުލިބި ފަސް ދުވަސްވެ، އެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
ވައިކަރަދޫއިން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަރަންޓުގެ ހިދުމަތް ރަނގަޅަށް ނުލިބޭ ކަމަށެވެ،. އެހެންވެ މުޒާހަރާ ކުރަމުން އަންނަތަ ދެ ދުވަސްވެއްޖެ ކަމަށެވެ.
ފަސް ސަރަހައްދަށް ބަހާލައިގެން، އެއް ގަޑިއިރު ކޮންމެ ސަރަހައްދަކަށް ކަރަންޓު ދެމުންދަނީ" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ބުދަ ދުވަހު 'އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ، ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެރަށަށް ބޭނުންވާ 250ކވ ގެ ޖެނެރޭޓަރެއް ގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި އައު ޖެނެރޭޓަރެއް ބަހައްޓައި ހިދުމަތް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.
މި ހަބަރު ލިޔުމާއި ހަމަޔަށް ފެނަކައިން އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.