ޚަބަރު

ކަރަންޓުގެ ހިދުމަތް އެންމެ ދަށް ރަށްތަކުގެ މައްސަލަ ފަސް ދުވަހުން ހައްލު ކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކަރަންޓުގެ ހާލަތު އެންމެ ދަށްރަށްތަކަށް ބޭނުންވާ އައު ޖެނެރޭޓަރުތައް ކުރިއަށްއޮތް ފަސް ދުވަހުގެ ތެރޭގައި އެރަށްރަށަށް ފޮނުވައި، އިންސްޓޯލް ކުރެވިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވަނީ ކަރަންޓުގެ ހާލަތު އެންމެ ދަށް ހަ ރަށުގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ދެއްވާފައެވެ. އެގޮތުން، ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ 250ކވ ގެ ޖެނެެރޭޓަރު އެރަށަށް ފޮނުވުމަށް ބޯޓަށް ލޯޑު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ގދ. ހޯނޑެއްދޫއަށް ބޭނުންވާ 400ކވ ގެ ޖެނެރޭޓަރު އެރަށަށް ފޮނުވައި، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަކުރައްވާފައިވެއެވެ.

Ads by Hajj Corporation

އަދި ހއ. ދިއްދޫ އަދި އައްޑޫއަށް ބޭނުންވާ 1000ކވ ގެ ޖެނެރޭޓަރާއި، ކުޅުދުއްފުށި ސިޓީ އަދި ރ. މީދޫއަށް ބޭނުންވާ 800ކވ ގެ ޖެނެރޭޓަރު ކަސްޓަމްސްއިން ކްލިއާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މި ރަށްރަށަށް ބޭނުންވާ ޖެނެރޭޓަރުތައް ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި އިންސްޓޯލް ކުރެވި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުވެގެން ދާނެކަން މުއާޒް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!