ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 21:15 ހާއިރު ހުޅުމާލޭ ގާޒީ ސްކޫލު ސަރަހައްދުގަ އެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާއަކީ އެވަގުތު ތަރާވީސް ނިންމާފައި މިސްކިތުން ނިކުތް މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 74 އަހަރުގެ ފިރިހެނަކަށްކަމަށާއި، އޭނާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
މި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުގެ މައްސަލަތައް އިންތިހާއަށް ގިނަ އެވެ. މިކަމުގެ ސަބަބުން ހިނގާ މީހުންނާއި، މަގުގައި ދުއްވާ އެހެން މީހުންނަށް އޮންނަ ނުރައްކާ ބޮޑެވެ.