ޚަބަރު

ޣައްސާން މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރު ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެ މައްސަލައެއްގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

Ads by STELCO

241 ކޮމިޓީއަށް ޣައްސާން ހާޒިރުކުރަން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވުމާއި ގުޅިގެންނެވެ.

6 މޭ 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.

ޣައްސާން އިއްޔެ މަޖިލީހަށް ހާޒިރުކުރުމުން ރައީސް ނަޝީދަށް އިންސާފު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެ ސުވާލުގެ ޖަވާބުގައި ޣައްސާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އެބަހުރި ކަމަށާއި، އެ މައުލޫމާތު މަޖިލީހަށް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިއަދު ބޭއްވި 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެ މައުލޫމާތު ހޯދަން މިހާރު ވެސް މަޖިލީހުން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ޑްރޯން ގަތުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ވެސް ސާފުކުރުމަށް ޣައްސާން މަޖިލީހަށް ހާޒިރު ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!