ޚަބަރު

ރައްޔިތުންގެ ވޯޓަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް

ދާއިރާ ރައްޔިތުންގެ ވޯޓަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގިނަ ހާލަތްތަކެއް ބަޔާންކޮށް މަޖިލީހުގެ ގާނޫނަށް އިސްލާހު  ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް އެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ބިލުގައި ބުނާ ގޮތުން ދާއިރާގެ ރައްޔިތުން މެންބަރާ މެދު ނުރުހިއްޖެ ހާލަތެއްގައި ރައްޔިތުންގެ އާންމު ވޯޓަކުން މެންބަރު މަގާމުން ވަކިކުރަން ނިންމައިފި ނަމަ ވަކިވާނެ އެވެ.

އެ ބިލުގައި މެންބަރުކަމުން ވަކިވާނެ އެހެން ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެފައިވާ މީހަކު، އަމިއްލަ އިސްނެގުމުން ޕާޓީއިން ވަކިވެއްޖެ ނުވަތަ، ޕާޓީ ބަދަލުކޮށްފި ހާލަތުގައި މެންބަރުކަމުން ވަކިވާނެ އެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގައި ނެތި އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަވެސް މެންބަރުކަމުން ވަކިވާނެ ކަަމަށް ބިލުގައި ބުނެ އެވެ.

އަދި ޕާޓީއެއްގެ މެންބަރަކަށް ވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއް ގައި ވޯޓެއް ދޭ ހާލަތުގައި، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބުވި ދައުރުގެ ތެރޭގައި މެންބަރުކަމުން ވަކިކުރެވިދާނެ ކަމަށް ވެސް ބުނެ އެވެ.

މެންބަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ގޮނޑި ގެއްލޭ ކަންކަން ބަޔާންކުރާ އެންޓި ޑިފެކްޝަން ގާނޫނުގެ މަސައްކަތް ވެސް މަޖިލީހުގައި ކުރިއަށް އެބަ ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!