ޚަބަރު

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނާތީ ކައުންސިލުން ކަންބޮޑުވެއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ފ. މަގޫދޫ ގައި ތަރައްގީކުރަމުން ދިޔަ އެއާޕޯޓުގެ މަސައްކަތް ސިޔާސީ ނުފޫޒު ފޯރައި، ހުއްޓިފައިވާ ކަމަށް މަގޫދޫ ކައުންސިލުން ތުހުމަތު ކޮށްފިއެވެ.

Ads by STELCO

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާހިދު "ދެން" އަށް ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވިގެން ކުރިއަށް ގެންދިޔަ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ހުއްޓިފައިވާ ކަމަށެވެ.

އަދި މިކަމުގެ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ކަމާބެހޭ އެއްވެސް ފަރާތަކުން ކައުންސިލަށް އަންގާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ތުންތުން މަތިން މައުލޫމާތު ލިބެނީ، މި މަޝްރޫއު ހުއްޓިފައިވަނީ ނިލަންދޫގެ ރައްޔިތުން އެދިގެން، އެރަށުގައި އެއާޕޯޓް ގާއިމްކުރުމަށް ކަމަށް ވާހިދު ވިދާޅުވިއެވެ. އެއީ ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވައްވާތީ

ވާހިދު ވިދާޅުވީ އެއާޕޯޓު ހެދުމުގައި އަމަލީ ގޮތުން ބައިވެރިވާ 200 އެއްހައި މުވައްޒަފުން އެބަ ތިބި ކަމަށާއި، ފޮތުގައި ސޮއިކުރުން ފިޔަވާ އެހެން ކަމެއް އެ މީހުން ނުކުރާ ކަމަށެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، މަޝްރޫއު މަޑު ޖެހިފައިވަނީ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށެވެ. ހަޔާ ބިލްޑިންގްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޓާމިނަލް ރާވާ ނިންމައި، ހިޔާކުރުމުގެ މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރުތަކުން ވަރަށް އަނިޔާލިބިފަ އޮތް ކައުންސިލެއް. މައުމޫން ވެރިކަމުގައި މިރަށުގައި ހުރި އަތޮޅު ކައުންސިލް އިދާރާއާއި އަތޮޅު ހޮސްޕިޓަލްވެސް ބަދަލުކުރީ. މިވެސް އެކަަހަލަ ސިގްނަލް އަކަށް ވެދާނެ،" ކަންބޮޑުވުން ފާޅުކުރައްވާ ވާހިދު ވިދާޅުވިއެވެ.

މަސައްކަތް ހުއްޓުނީ ކީއްވެކަން ސާފުކުރުމަށް މަގޫދޫ ކައުންސިލުން މީގެ ދެ މަސް ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިޓީ އެއް ފޮނުވިއެވެ. އެކަމަކު އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަޅަން ފެށި މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އަކީ  206.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ އެ އެއާޕޯޓު ހިންގުމުގެ މަސައްކަތްތައް ރީޖަނަލް އެއާޕޯޓާ ވަނީ ހަވާލުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!