ޚަބަރު

އެފްއޭއެމުން ބީހައިވް ހޮޓަލަށް 1.5 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް ދަރަނީގެ ގޮތުގައި އެއް އަހަރުގެ ދުވަހުގެ ތެރޭ އެއްލައްކަ އަށްވުރެ ގިނަ ޑޮލަރު ދައްކަން ސިވިލް ކޯޓުން އެފްއޭއެމަށް މިއަދު ހުކުމްކޮށްފިއެވެ.

Ads by MWSC

ބީހައިވް ހޮޓަލުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނާ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތުގެ އަގަށް 102،186.87 ޑޮލަރު ނުވަތަ ބޭންކު ރޭޓުންނަމަ 1.5 މިލިއަން ރުފިޔާ އަރައެވެ. ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް ދެ އިންސައްތަގެ ރޭޓުން ޖެހޭ ފައިސާގެ މިންވަރު އެކީ އެއް ފަހަރާ ދައުވާކުރާ ފަރާތަށް ދެއްކުމަށް އެފްއޭމްއަށް އަމުރުކޮށްދޭން ބީހައިވުން އެދުނެވެ.

ހުކުމް ގައި ބުނީ އެފްއޭއެމާއި ބީހައިވް ހޮޓެލްސްއާ ދެމެދު ހިނގަމުން އައި މުއާމަލާތުގައި އެފްއޭއެމުން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަން، ދެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުން ވެސް ހާމަވާކަމަށް ހުކުމުގައި ވެއެވެ.

އެ ދައުވާ ސާބިތުކުރުމަށް މުއާމަލާތާ ގުޅޭ އިންވޮއިސްތައް ބީހައިވް އިން ކޯޓަށް ހުށަހަޅާފައިވާކަން ކޯޓުގެ ހުކުމުން އެނގެއެވެ. އަދި ދެ ފަރާތުން ހުށަހަޅާފައި ލިޔުންތަކުންވެސް އެނގެން އެބަ އޮތެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ މިއަދުން ފެށިގެން އެއް އަހަރުގެ ތެރޭގައި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ދައްކަން ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކާ ދަރަނި ހަލާސްކުރުމަށެވެ.

މީގެ ކުރިންވެސް ބީހައިވް ހޮޓަލަށް ފައިސާތަކެއް ދައްކަން އެފްއޭއެމްއަށް ހުކުމް ކުރިއެވެ. މީގެ ފަސް ވަރަަކަށް މަސްކުރިން އެފްއޭއެމަށް ހުކުމް ކޮށްފައިވަނީ 32،426 ޑޮލަރު ދެއްކުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!