ޕީއެންސީގެ ލީޑާޝިޕަކީ ގައުމަށް އޮތް ނުރައްކަލެއް: ޖަމީލު
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލު އެހެން ވިދާޅުވީ ތ. ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓަކު ހުއްޓާ ވަކިން ވާދަކުރައްވާ ކެންޑިޑޭޓަކަށް ސަރުކާރުގެ ތާއިދު އޮތް ކަމަށް އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ވީޑިއޯއެއް 'އެކްސް' ގައި ރީ ޕޯސްޓު ކުރައްވާފައެވެ.
ތިމަރަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ އިބްރާހިމް ސަނާހު (ސަންޓޯ) އެވެ. ނަމަވެސް ސަރުކާރުން ތާއިދުކުރަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރާ އަހުމަދު ރިޔާޒަށެވެ. ރިޔާޒު އަކީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.
ޖަމީލު ވިދާޅުވީ އެ ވީޑިއޯއިން ސާބިތުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އެއްވެސް މީހަކަށް އަދުލުވެރި ބޭފުޅެއް ނޫންކަން ކަމަށެވެ.
ރައީސަށް އިތުބާރު ކުރަން ހެޔޮނުވާނެ ކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ޖަމީލު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ''ލަދުވެތިކަމެެއް'' ނެތި އަމިއްލަ ޕާޓީ ތެރޭގައި މަކަރު ހަދަމުންދާ މުންނެވެ.
''މިވަރުގެ ހުދު މުހުތާރުކަން އެއްވެސް ވެރިއެއް ނުދައްކާ. ޕީއެންސީގެ ލީޑާޝިޕަކީ އެ ޕާޓީއަށާއި ގައުމަށް އޮތް ނުރައްކަލެއް. ރައްކާތެރިކަން މަޖްލިސް އިންތިހާބުން ހޯދަމާ'' ޖަމީލުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕަށް ޖަމީލު ފާޑުވިދާޅުވެފައިވާއިރު ޕީޕީއެމުން ރައީސް މުއިއްޒަށް ހެވެއް ނޭދޭނެ ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.
އެ ބޭފުޅުން ޔަގީންކަން ދެއްވީ ރައީސާ އެކު ތިއްބެވި ކަމެވެ. އަދި ގުޅުން ބަދަހިކަން ކަމަށްވެސް ވިދާޅުވިއެވެ.