ޚަބަރު

އިންތިހާބާ ގުޅިގެން ސްކޫލުތަކުގެ އިމްތިހާނު އަވަސް ނުކުރަން ނިންމައިފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ސްކޫލުގެ ދަރިވަރުންތަކެއް/ ފޮޓޯ: ދެން

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ސްކޫލްތަކުގެ އިމްތިހާނު އަވަސް ނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Ads by MWSC

އޭޕްރީލް 21ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން އެމަހުގެ 16 އިން 27ގެ ނިޔަލަށް ބާއްވާ ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ އިމްތިހާނު އަވަސްކުރުމަށް މީގެ ކުރިން އޮތީ ނިންމާފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު އަވަސްކުރަން ސްކޫލްތަކަށް ސާކިއުލާއެއް ވެސް ފޮނުވާފަ އެވެ.

ރައީސް މުއިއްޒު 'ސަންގު' ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިމްތިހާނު އަވަސް ނުކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވާފައިވާނެ ކަމަށެވެ.

"މަޖިލިސް އިންތިހާބު މިއޮންނަ ޑޭޓު ބަދަލުވީމަ އެގްޒާމްތަކަށް އަނެއްކާވެސް ލޮޅުމެއް އައިސްފި. ދެ އެގްޒާމެއް އަވަސްކުރަން ޖެހުނު. ދެން އަޅުގަނޑު އެހެން ވިޔަސް އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވައިގެން މިހާރު އަޅުގަނޑު ހިތުން މިނިސްޓާ ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ އަވަސްނުކޮށް [އިމްތިހާނު] ބާއްވަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސައްކަތްޕުޅު ކުރައްވާނީ އިމްތިހާނުތަކާއި އަދި ކުޅިވަރު ހަރަކާތްތައް، ދަރިވަރުންނާއި ބެލެނިވެރިންނަށް އުނދަގޫނުވާ ގޮތަށް ބާއްވަން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި މައްސަލަތައް ކުރިމަތިވާން ޖެހުނީ ކުރިން ނިންމިފައި އޮތް ނުބައި ނިންމުމެއްގެ ސަބަބުންކަމަށެވެ.

ހައެއްކަ މަސް ކުދިންގެ ލައިފުން، ކިޔެވުމުގެ ލައިފުން ގެއްލިފައި މިވަނީ. އެހެންވީމަ ކުރިއަތް އޮތް ތާގައި މި ނުބައި ރަނގަޅުކުރުމުގެ މަސައްކަތް މި ހިނގަނީ

މީގެ ކުރިން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައި އޮތީ މިމަހުގެ 17ގަ އެވެ. އެހެން ނަމަވެސް ރޯދަމަހު މަޖިލިސް އިންތިހާބު ނުބޭއްވޭގޮތަށް ގާނޫނަށް ގެނައި އިސްލާހާ އެކު މިހާރު އެ އިންތިހާބު ބާއްވަން ނިންމާފައި އޮތީ އޭޕްރީލް 21 ގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!