އެޗްއާރްސީއެމްގެ ދިރާސާ: ގިނަ މީހުން ބޭނުންވަނީ މަޖިލިސް މެންބަރުން މަދު ކުރަން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު އެއްބަސްވާކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމުން) ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތހާބާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ދިރާސާގެ މައުލޫމާތު މިހާރު ވަނީ އާއްމުކޮށްފައެވެ.
މި މަހުގެ އެކަކުން ނުވަޔަކަށް ކުރިއަށް ގެންދިޔަ ދިރާސާގައި 1174 މީހުން ބައިވެރިވިއެވެ. އެއީ 642 އަންހެނުންނާއި 532 ފިރިހެނުންނެވެ.
ސާވޭގެ ބައިވެރިންގެ ތެރޭގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ 15 އިންސައްތަ މީހުން، ޒުވާނުންގެ އާބާދީގެ އުމުރުފުރާ (35-18) ދެމެދުގެ 49 އިންސައްތަ މީހުން މައުލޫމާތު ދީފައިވެއެވެ. 25-18 އަހަރާ ދެމެދުގެ އާބާދީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަލަށް ވޯޓުލާ އާބާދީއެވެ. ސާވާގެ 36 އިންސައްތަ މީހުންނަކީ 36 އަހަރާއި 55 އަހަރު ދެމެދުގެ މީހުންނެވެ.
ދިރާސާގައި ބައިވެރިވި 68 އިންސައްތަ މީހުން ދެކޭ ގޮތުން މެންބަރުންގެ އަދަދު މަދުކުރަން ޖެހެއެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 80 މެންބަރުންނެވެ. މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރަނީ 56 އަހަރުން މަތީގެ މީހުންނެވެ. މިހާރު ތިބި އަދަދާ މެދު ހިތްހަމަ ޖެހެނީ 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންނެވެ.
އަންހެނުންގެ ދައުރާ މެދު ދެކޭގޮތަށް ބަލާއިރު، މިހާރު މަޖިލީހުގެ އަންހެނުން މަދުކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރެއެވެ. ދިރާސާގެ ނުވަ އިންސައްތަ (106 މީހުން) އަންހެނުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ގަބޫލުނުކުރެއެވެ.
އެ ދިރާސާގެ ބައިވެރިންގެ 75 އިންސައްތަ، ވަކި ޖިންސަކަށް ވީތީ ކެންޑިޑޭޓެއް އިހުތިޔާރު ކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅެއެވެ. އަދި 16 އިންސައްތަ ފިރިހެން ކެންޑިޑޭޓުން އެ ދާއިރާ ތަމްސީލުކުރަން އިހުތިޔާރު ކުރާއިރު އަންހެން މެންބަރުން އިންތިހާބު ކުރަން ބޭނުންވާ ނިސްބަތަކީ ނުވަ އިންސައްތައެވެ.