ޚަބަރު

ރައީސްގެ ނުފޫޒުން މަގޫދޫ އެއާޕޯޓު ހުއްޓާލާފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއާ ދިމާކޮށް، އެ އަތޮޅު މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަަހަޅާފައިވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) އެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި 21 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފަށާފައިވާ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

އެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާ 10 މިނެޓު ދެވޭހާ ކައިރީގައި އޮތް ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމީ މަޖިލިސް އިންތިހާބާ ދިމާކޮށް ސައުދާގެ ގޮނޑި ކަށަވަރުކުރުމަށް ކަމަށް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނުވާ ކަމެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ނިންމާފައިވާ ނިންމުމެއް," ކުއްލި މައްސަލާގައި ބުނެފައިވެއެވެ.

ކުއްލި މައްސަލަ ބަލައިގަތުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި 22 މެންބަރުން ބަލައިގަންނަން ވޯޓު ދެއްވިއިރު, ދެ މެންބަރަކު ދެ ކޮޅަށް ވޯޓު ދެއްވިއެވެ. މި މައްސަލަ މިހާރު މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފައެވެ.

މަގޫދޫ އެއާޕޯޓް އެޅުމުގެ މަޝްރޫއު މަޑު ޖެހިފައިވަނީ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވަނިކޮށެވެ. ހަޔާ ބިލްޑިންގްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ޓާމިނަލް ރާވާ ނިންމައި، ހިޔާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މަގޫދޫ ކައުންސިލުން މީގެކުރިން މައުލޫމާތު ދީފައިވެއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާހިދު "ދެން" އަށް ވިދާޅުވީ، ތުންތުން މަތިން އަޑުއިވެނީ އެރަށުގެ އެއާޕޯޓް ޕްރޮޖެކްޓް ހުއްޓާލައިފައިވަނީ ނިލަންދޫގެ ރައްޔިތުން އެދިގެން، އެރަށުގައި އެއާޕޯޓް ގާއިމްކުރުމަށެވެ. އެ މައްސަލާގައި ސިލްސިލާ މުޒާހަރާތަކެއް މަގޫދޫގައި ދަނީ ކުރަމުންނެވެ.

  1. ރަށުމީހާ

    މަގޫދޫ އަދި ނިލަންދޫ އަށް ނިސްބަތް ނުވާ މީހެއްގެ ހައިސިއްޔަތުން ބުނެލާހިތްވަނީ ފުރަތަމަވެސް ތިޔަ އެއާރޕޯޓް އަޅަންފަށަންވާނީވެސް ނިލަންދޫގައޭ
    އަޅުގަނޑުގެ ރައްޓެހިން ގިނައީވެސް މަގޫދޫގަ އެކަމަކު މަގޫދޫގެ 10 އެކުވެރިންނާ ނިލަންދޫގެ 1 އެކުވެރިއަކާ ނުބައްދަލް
    މިކަމަށް މުޅި ބިލެތްދޫ ހެކިވާނެ