ޚަބަރު

ވަކި މީހަކު އިންތިޚާބުގައި ވާދަކުރާތީ މަޝްރޫއުތައް ވަކި ގޮތަކަށް ނުގެންދާނެ: ޕީއެންސީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަޖިލީސް އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު

ފ. މަގޫދޫ ގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮއްކޮފުޅަށްޓަކައި ނޫން ކަމަށާއި އެކަން ހުއްޓާލީ ރައްޔިތުންނަށްޓަކައި ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން މިއަދު ބުނެފިއެވެ.

Ads by STELCO

ސިޔާސީ ނުފޫޒު ފޯރައި އެއާޕޯޓު ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ތުހުމަތު ކުރެއެވެ. އެ މަޝްރޫއު ހުއްޓިފައިވަނީ ނިލަންދޫގެ ރައްޔިތުން އެދިގެން، އެ ދާއިރާގެ މަޖިލީސް ގޮނޑިއަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ބޭނުންވެ ވަޑައިގެން ކަމަށްވެސް ތުހުމަތުތަކެއް ކުރެވެއެވެ. އެ މައްސަލާ ގައި ނުރުހުން ފާޅުކޮށް އެ ރަށު ރައްޔިތުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަމުންދާ ތައްޔާރިތައް ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިން ގައި ނޫސްވެރިޔަކު ވަނީ ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީސް އިންތިހާބަށް ޕީޕީއެމް/ޕީއެންސީ އިން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ވިދާޅުވީ ކޮއްކޯފުޅު ވާދަކުރައްވާތިވެ ވަކި މަޝްރޫއުއެއް ހުއްޓާލަން ރައީސް ނުނިންމަވާނެ ކަމަށެވެ. ސަރުކާރުގެ ނިންމުންތައް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ހީނާ ވިދާޅުވިއެވެ.

''ރައީސްގެ ކޮއްކޮފުޅު އިންތާބުގައި ވާދަކުރާތީ ވަކި ރައީސް މުއިއްޒު އެކަހަލަ ކަންކަމެއް ނުނިންމަވާނެ، ކަންކަން ނިންމަނީ ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ބަލާފައި، އެންމެންވެސް މަޝްވަރާކުރުމަށް ފަހު ފަސޭހަވެގެންދާނެ ގޮތާއި މެދު'' ހީނާ ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓުގެ މައްސަލަ ހުއްޓާލާފައި އޮންނާތީވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) އެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި 21 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފަށާފައިވާ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާ 10 މިނެޓު ދެވޭހާ ކައިރީގައި އޮތް ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމީ މަޖިލިސް އިންތިހާބާ ދިމާކޮށް ސައުދާގެ ގޮނޑި ކަށަވަރުކުރުމަށް ކަމަށް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނުވާ ކަމެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ނިންމާފައިވާ ނިންމުމެއް," ކުއްލި މައްސަލާގައި ބުނެފައިވެއެވެ.

ކުއްލި މައްސަލަ ބަލައިގަތުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި 22 މެންބަރުން ބަލައިގަންނަން ވޯޓު ދެއްވިއިރު, ދެ މެންބަރަކު ދެ ކޮޅަށް ވޯޓު ދެއްވިއެވެ. މި މައްސަލަ މިހާރު މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފައެވެ.

Ads by Ooredoo
  1. ގަމާރު

    މީ ރޯދަމަސް. ހީނާތީ މިހާރުވެސް ބޮޑު ބައްޔެއް ތަހައްމަލް ކުރަމުންދާ މީހެއް. ދޮގުގެސަބަބުން ފާފަވެރިވާނެ. ސަރުކާރުން މިކަންފޮރުވަން އުޅުނަސް ނިލަންދޫގެ ރައްޔިތުން އެދަނީ މަގޫދޫ ރައްޔިތުންނަށް އިންޒާރުދީ ގޮވަމުން.