ޚަބަރު

ފައްޔާޒްގެ ތުހުމަތެއް: އުތުރުތިލަފަޅުގައި ޗައިނާއިން ކުރާނީ މިލިޓަރީ މަސައްކަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުތުރުތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް އެތަނު ޗައިނާގެ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމަކީ މިލިޓަރީ މަސައްކަތް ކުރަން ހެދި އެއްބަސްވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އުތުރުތިލަފަޅަކީ ރަނގަޅު އިގްތިސާދީ މަސައްކަތްތައް ކުރެވެން އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތްތަނެއް ކަމަށާއި ދަނޑުވެރިކަން ކުރަން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބިންތައް އެބަހުރި ކަމަށެވެ. އެތަނަށް ހަގީގަތުގައި ޗައިނާ އިން އަންނަނީ ގަސް އިންދަން ނޫން ކަމަށާއި އެތަނުގައި ކުރާނީ މިލިޓަރީ މަސައްކަތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ހަގީގަތަކީ މީގައި އެބައޮތް ޖިއޯ ޕޮލިޓިކްސް ވަރަށް ގިނަ ކަންތައްތައް ގުޅިފައި. ގަސް އިންދާކަށް ނޫން އެތަނަށް އެ އަންނަނީ. އެތާ ކުރިމަތީގައި އެ އޮތީ އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް. އެތާ ކުރިމައްޗަށް މި އަންނަނީ މި ހިސާބުން ދުރު ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަން ވެގެން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޗައިނާގެ ނޭވީ އުޅަނދެއް ރާއްޖޭގެ ކަނޑުއަޑި އޮތް ގޮތް ބަލަމުން، ޗާޓު ހަދަމުންދާތާ ތިން މަސްވެފައިވާ ކަމަށާއި ކުރީ ސަރުކާރުން އެފަދަ ކަންކަން ކުރީ ވެސް އެއްބަސްވުންތައް ހަދައިގެން ކަމަށެވެ. ނަމަވެސް މިހާރު އެއްބަސްވުމެއް އޮތްކަން ނުވަތަ ނެތްކަން ވެސް ނޭނގޭ ކަމަށާއި ޗައިނާގެ އުޅަނދުން ހޯދާ މައުލޫމާތައް ވާނެ ގޮތެއް ވެސް ނޭނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މާ ދުރުގައި އޮތް ބާރެއް ގެނެސް، އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން، މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން އުޅޭތަން، ވަރަށް ބިރުވެރި ކަންތައްތަކެއް ވެގެން މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ 2028 ގައި އެމްޑީޕީން ވެރިކަމަށް އެނބުރި އައުމަށްފަހު އުތުރުތިލަފަޅުގައި ކިތަންމެ ގަހެއް އިންދާފައި އޮތަސް އެތަން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ދިނުމަށް ބަދަލުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!